ތެލް އަވީވް (30 އޮގަސްޓް) - ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތަށް އެހީވި ކަމުގެ ތުހުމަތުގައި ޣައްޒާގެ ކުރީގެ ވޯލްޑް ވިޝަން ޗީފްއަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އިޒްރޭލުގެ ކޯޓަކުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ މުހައްމަދު އަލް ހަބީބީ އޭނާގެ މަގާމުގައި ހުރި ދުވަސްވަރު އެތައް މިލިއަން ޑޮލަރެއްގެ ދަގަނޑު ހަމާސް ޖަމާއަތަށް ފޯރުކޮށްދިން ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. ނަމެވެސް މިހުރިހާ ތުހުމަތުތަކަކަށް އޭނާ ދެކޮޅު ހަދަ އެވެ.

ހަބީބީގެ މައްޗަށް ކުރެވެނީ ހަނގުރާމަވެރި ޖަމާއަތެއްގައި ބައިވެރިވުމާއި އެެފަދަ ޖަމާއަތެއްގެ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިސްޓް އަމަލުތަކަށް މަގުފަހި ކުރުވުމުގެ ތުހުމަތެވެ.

ހަބީބީގެ ވަކީލު ވިދާޅުވީ އޭނާގެ ކުށެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށާއި އޭނާއަކީ އެ ތުހުމަތުތަކުނުް ސަލާމަތް ވެގެންވާ މީހެއް ކަމަށެވެ. އެއާއެކު ސުޕްރީމް ކޯޓުގައި މައްސަލަ އިސްތުއުނާފް ކުރާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ހަބީބީއާ ދެކޮޅަށް ހުށައެޅުނު ގިނަ ހެކިތައް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ސިއްރު ކޮށްފައިވާތީ އެތަކެތީގެ ސައްހަކަމާ މެދު ހަބީބީގެ ވަކީލުން ވަނީ ސުވާލު އުފައްދާފަ އެވެ.

ހަބީބީ ވަނީ މި މައްސަލައިގައި 2016 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްފަ އެވެ.