އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން މާދަމާ އަށް ފަސްކޮށްފި އެވެ.

މިމައްސަލައިގެ ހުކުމް އިއްވުން މިއަދު ތައާވަލުކޮށްފައި އޮތީ ހެނދުނު 10:30 އަށެވެ. ނަމަވެސް ޝަރީޢަތް ނުފެށި ގިނަ އިރުތަކެއް ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ ޝަރީޢަތް ކެންސަލްވެފައިވާ ކަމަށް ބުނެފަ އެވެ.

ޒިޔަތުވަނީ އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފްވެފަ އެވެ.

ޒިޔަތު 32 ދައުވާއަށް އިއުތިރާފްވެފައި ވަނީ ޅ. މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. މުހައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފަ އެވެ.

ޒިޔަތު ބުނީ އެއީ އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއް ކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކުގައި އޭނާ ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ހުރިހާ ދައުވާތައް ސާބިތުވިޔަސް، އޭނާ އަށް އަންނާނީ 11 އަހަރުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެއީ ތަހުގީގަށް ޒިޔަތު އެއްބާރުލުން ދޭތީ އަދަބުގެ މިންވަރުގެ ދަށް ކުރުމުންނާއި ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެސް ވަނީ ދައުވާތަކަށް ކުރިން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު މިހާރުވެސް ގެންދަނީ ތަންފީޒުކުރަމުންނެވެ. އަދި ހޯމް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ޒިޔަތު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.