މީސް މީޑިއާގައި އަންހެނަކަށް ވެގެން ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ކޮށްފައިވާ މައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށެވެ. މީގެ އިތުރުން މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ނުދެ އެވެ.

މިފަހަރު އޭނާ ހައްޔަރު ކޮށްފައިވަނީ ބަރަހަނާ މަންޒަރުތައް ޓުވިޓާގައިވެސް ފާޅުކަންބޮޑުކޮށް ފަތުރާ، މިކަން ހައްދު ފަހަނައަޅާ ދިޔަިއރުވެސް ފުލުހުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ، މީޑިއާތަކުން މީޑިއާތަކުން މިކަމާގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން ރިޕޯޓްކޮށް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ކުރިން ފުލުހުން ބުނެފައިވަނީ "އާންމު މިންގަނޑާ ހިލާފު ފޮޓޯތަކެއް އާންމުކޮށްފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ."

މީގެ ކުރިން ޓިކްޓޮކްގައި އޭނާ ބަރަހަނާވެ ވީޑިއޯ އާއްމުކުރުމުން އެފަހަރުވެސް ގިނަ ބައެއްގެ އަޑުއުފުލުންތަކާ އެކު އޭނާ ހައްޔަރު ކުރި އެވެ. ކޯޓުގައި ޔާޔާ ބުނެފައިވަނީ އެ ވީޑިއޯތަކުގައި ފެންނަނީ އޭނާ ނޫންކަމަށާއި އެއީ އެޑިޓެއް ކަމަށެވެ.