މުޖުތަމައު އަށް ނުރައްކާ މީހެއް ނޫން ކަމަށް ބުނެ އަންހެނަކަށް ވެގެން މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އޭނާ ދޫކޮށްލުމަށް އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ. އަދި އޭނާ ބަންދުުން ދޫކޮށްލައިފިނަމަ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އެ އަމުރުގައި ވެއެވެ. އެހެންކަމުން އެއީ އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް އެ އަމުރުގައިވެ އެވެ.

އަދި އޭނާ ފިލާފާނެ ކަމަށް ފެންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. ކޯޓުން ބުނީ ފޯނުގެ ޕާސްވޯޑް ނުދިނުމާ މީހަކު ފިލައިގެން ދިއުމާ މި ދެކަމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.އަދި ޕާސްވޯޑް ނުދިނުމަކީ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

އޭގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުން ފާހަގަކޮށް ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ހެކީންނަށް ތިބީ އޭނާގެ އާއިލާ މީހުންނާއި އޭނާގެ މީސް މީޑިއާގައި ލައިވްކުރާ ކަންކަން ބަލާ މީހުން ކަމަށްވާތީ އެ ފަރާތްތަކަށް އޭނާ ނުފޫޒު ފޯރުވާފާނެ ކަމަށެވެ. ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ޔާޔާ ލޫސީގެ ނަމުގައި ޓުވިޓާ ގައިވެސް ބަރަހަނާ ވަމުންދާ ނަބީލް ބަރަހަނާ ވަމުންދާތީ އޭނާ ހައްޔަރުކުރީ މިދިޔަ ބުދަދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ބަރަހަނާ މަންޒަރުތައް ޓުވިޓާގައިވެސް ފާޅުކަންބޮޑުކޮށް ފަތުރާ، މިކަން ހައްދު ފަހަނައަޅާ ދިޔަިއރުވެސް ފުލުހުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ، މީޑިއާތަކުން މީޑިއާތަކުން މިކަމާގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން ރިޕޯޓްކޮށް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ކުރިން ފުލުހުން ބުނެފައިވަނީ "އާންމު މިންގަނޑާ ހިލާފު ފޮޓޯތަކެއް އާންމުކޮށްފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ."

މީގެ ކުރިން ޓިކްޓޮކްގައި އޭނާ ބަރަހަނާވެ ވީޑިއޯ އާއްމުކުރުމުން އެފަހަރުވެސް ގިނަ ބައެއްގެ އަޑުއުފުލުންތަކާ އެކު އޭނާ ހައްޔަރު ކުރި އެވެ. ކޯޓުގައި ޔާޔާ ބުނެފައިވަނީ އެ ވީޑިއޯތަކުގައި ފެންނަނީ އޭނާ ނޫންކަމަށާއި އެއީ އެޑިޓެއް ކަމަށެވެ.