އިނގިރޭސި ޝާހީ އާއިލްގެ ދެބެއިން ކަމަށްވާ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީ މިނެޓުކޮޅެއްގެ ދުރުމިނުގައި ތިއްބެވި ނަމަވެސް ދެބޭފުޅުންގެ ބައްދަލުވުމުގެ ރޭވުމެއް ނެތްކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޕްރިންސް ހެރީއާއި މޭގަން އަންނަ ހޯމަ ދުވަހު ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ދަތުރު ކުރައްވަން ހަމަޖެހިފައިވާއިރު އެގައުމަށް ވަޑައިގެން ހުންނަވާނެ ކަަމަށް ބެލެވޭ ވިންޑްސާގެ ފްރޮގްމޯ ކޮޓޭޖްއަކީ ވިލިއަމްއާއި ކޭޓް މިޑްލްޓަން މިހާރު ދިރިއުޅުއްވާ އެޑެލޭޑްއިން 15 މިނެޓުން ހިނގާލާފައި ދެވޭ ހިސާބެކެވެ.
މިހާ ކައިރީގައި އުޅުއްވި ނަމަވެސް ޝާހީ ދެބެއިންގެ ބައްދަލުވުމެއް އޮތުން ނާދިރު ކަމަށް އެއާއިލާގެ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ހެރީއާއި މޭގަން މިހާރު މަސައްކަތް ކުރައްވަމުން އަންނަ ނެޓްފްލިކްސް ޕްރޮޖެކްޓަށް ވީޑިއޯ އެއްކުރަން ފިލްމު ކުރޫއެއް ހެރީއާއެކު އަންނާނެ ކަމަށް ވިލިއަމް ގަބޫލު ކުރައްވަ އެވެ.
ޕްރިންސް ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާގެ އެހެން މެމްބަރުންނާ އޮންނަ ގުޅުން އިހުނަށް ވުރެ ބޮޑަށް ހީނަރުވެފައިވާއިރު ދެބެއިންގެ މެދުގައި ވެސް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެވެ އެވެ.
މަންމާފުޅު ޕްރިންސަސް ޑަޔާނާ އަވަހާރަވިތާ މިދިޔަ ބުދަ ދުވަހަށް 25 އަހަރު ފުރުނުއިރު، އެކަމުގެ ހަނދާނުގައި ވެސް ދެބެއިން ބައްދަލުވާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް އެކަން ވެސް ނުވެ އެވެ.