ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބާއްވާ "ވިޔަވަތި" ކޮންފަރެންސްގެ ދެވަނަ ބައްދަލުވުން އަންނަ ހަފުތާގައި ލ. ގަމުގައި ބާއްވަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ފުވައްމުލަކާއި އައްޑޫ މޭޔަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ބޭފުޅުންގެ އިތުރުން މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިންނާއެކު 250 އަށް ވުރެ ގިނަ ބައިވެރިން ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށެވެ.

ވިއަވަތި ކޮންފަރެންސްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

މީގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހާއްސަކޮށްގެންނެވެ. އެބައްދަލުވުން އޮތީ މިދިޔަ މޭ މަހު އއ. އުކުޅަހުގަ އެވެ.