ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ތަރި ކާތިކް އާރިއަން އަށް "އާޝީގީ 3" ގެ ލީޑް ރޯލު ލިބިއްޖެ އެވެ.
"އާޝީގީ 3" ޑައިރެކްޓްކުރަނީ ބޮލީވުޑްގައި މަޝްހޫރު ޑައިރެކްޓަރު އަނޫރާގު ބާސޫ އެވެ. މިއީ އަނޫރާގު އާއި ކާތިކް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު އެވެ.
މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. "އާޝިގީ 3" ގެ ވާހަކަ ހިއްސާކޮށް ޓީ ސީރީޒުން ބުނީ ކުރީގެ ދެ ފިލްމު ހޯދި ކާމިޔާބީ ތަކުރާރުކުރަން، ތިން ވަނަ ބައި ވެސް ބެލުންތެރިންނަށް ގެނެސްދޭނީ ހިތްގައިމު މިއުޒިކާ އެކީގައި ކަމަށެވެ.
މީގެ މިއުޒިކް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޕްރިތަމް އެވެ. "އާޝިގީ" އާއ "އާޝިގީ 2" އަކީ އޭގެ މިއުޒިކްގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ދެ ފިލްމެވެ.
"އާޝީގީ 3" އާ ބެހޭ ގޮތުން ކާތިކް ބުނީ "އާޝިގީ" އަކީ އޭނާއަށް ވަރަށް ރީތި ފިލްމެއް ކަމަށާއި މިފިލްމުގެ ތިން ވަނަ ބައިގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން އުފާވެއްޖެ ކަމަށެވެ. އަދި އޭނާއަކީ ފިލްމުގެ ޑައިރެކްޓަރު އަނުރާގުގެ ފޭނެއް ކަމުން އަނުރާގު އާއެކު މަސައްކަތް ކުރާނެ ފުރުސަތެއް ލިބުމުން އިތުރަށް ހިތްހަމަޖެހުނު ކަމަށް ކާތިކް ބުންޏެވެ.
"އާޝިގީ"ގެ ފުރަތަމަ ބައި 1990ގައި އުފެއްދީ ޓީ-ސީރީޒް އާއި ވިޝޭޝް ފިލްމްސް ގުޅިގެންނެވެ. ރާހޫލް ރޯއީ އާއި އަނޫ އަގަރްވާލް ބޮލީވުޑަށް ތައާރަފްވީ މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް ބަޓް އެވެ.
މި ފްރެންޗައިސްގެ ދެވަނަ ފިލްމެއް "އާޝިގީ 2"ގެ ނަމުގައި 2013ގައި އުފައްދާފައިވެ އެވެ. އެ ފިލްމުގެ ތަރިންނަކީ ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރެވެ. މި ފިލްމު ޑައިރެކްޓްކުރީ މޯހިތު ސޫރީ އެވެ.
މި ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. ޑައިރެކްޓަރު ބުނީ ބަތަލާގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ "ޝެހެޒާދާ" އެވެ. މިއަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ބޫލް ބުލައްޔާ 2" ގައި މަސައްކަތްކުރި ކާތިކް މިވަގުތު ދަނީ "ސަތުޔަ ޕްރެމްކީ ކާތާ". ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ކިއާރާ އަދްވާނީއާ އެކުގަ އެވެ. ކާތިކް މިހާރު މަސައްކަތްކުރަމުން އަންނަ ދެ ޕްރޮޖެކްޓަކީ ވެސް އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ދެ ފިލްމެވެ.