ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށާއި ގދ. ގައްދޫގައި އައު ހޮސްޕިޓަލެއް އެޅުމަށް ސްޕެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށާއި ގދ. ގައްދޫގައި އައު ހޮސްޕިޓަލް އަޅަން ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ އެޗްއޯއެމްޓީ އެސްޕާނާ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އަތޮޅުތަކުގެ އަލަށް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ 12 ރަށުގެ ތެރޭގައި ގދ. ގައްދޫ ވެސް ހިމެނެ އެވެ. މީގެ އިތުރުން ދެން ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ޅ. ހިންނަވަރު، ފ. ނިލަންދޫ، ތ. ވިލިފުށި، އދ. މާމިގިލި އެވެ.

މި ހޮސްޕިޓަލްތައް ޑިޒައިންކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، މިކަމަށް ހިންގާނެ ކަމަށް ލަފާކުރާ ހަރަދުތަކާ ގުޅޭ ދިރާސާތައް ވެސް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމެވެ. އަދި އެ މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލެވެ.

މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް ވަނީ ފަށައިފަ އެވެ.

ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރާއިރު، އެއިން ބައެއް ހޮސްޕިޓަލްތައް ބޮޑެތި ބަލިތަކަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލްތަކަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރާއިރު 100 އެނދުގެ މިހޮސްޕިޓަލް ޚާއްސަކުރުމަށް ނިންމާފައި ވަނީ ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގަ އެވެ.