ބަނބުކޭލަކީ އަހަރުމެން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މޭވާ އެކެވެ. އެހެން ނަމަވެސް އާއްމު ގޮތެއްގައި މި މޭވާ ބޭނުން ކުރެވެނީ ސިއްހަތަށް އެންމެ ފައިދާ ކުރުވަނިވި ގޮތުގައޭ ދެންނެވޭކަށް ނެތެވެ. ގިނައިން ތެލުލައިގެން ބޭނުންކުރެވޭ މި މޭވާގެ ހަގީގީ ފައިދާތައް ލިބެނީ ފެނުކައްކައިގެން ކެއުމުންނެވެ.

ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ

ބަނބުކޭލުގައި ރަނގަޅު މިންވަރަކަށް ފައިބާ ހުރެ އެވެ. އޭގެ ސަބަބުން، ހަޖަމު ކުރުމަށް ފަސޭހަކޮށްދެ އެވެ. އަދި ބަނޑު ހަރުވުން ފަދަ ކަންކަމުން ދުރުވެ އެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު ހިފައްހައްޓައިދޭ

ފައިބާގެ މިންވަރުދަށް އަދި ހަކުރު ހުންނަ މިންވަރު ގިނަ ކާނާ، ވަރަށް ފަސޭހައިން ހަޖަމްވެ ލޭގެ ތެރެއަށްދެ އެވެ. އޭގެ ސަބަބުން އިންސުލިން އާއި ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް އަވަހަށް އިތުރުވެ އެވެ. އަދި އެއަށްފަހު ވަރަށް އަވަހަށް ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ އެވެ. މިއާއި ހިލާފަށް ބަނބުކެޔޮ ކެއުމުން، ހަށިގަނޑަށް އޭގައި ހުންނަ މާއްދާތައް ދާނީ ލަސްލަހުންނެވެ. އޭގެ ސަބަބުން، ލޭގައި ހަކުރު ހުންނަ މިންވަރާއި އިންސުލިން ހުންނަ މިންވަރު ކުއްލިއަކަށް ބަދަލެއް ނުވާނެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ

ބަނބުކޭލުން ލޭގެ ޕްރެޝަރު ހަމަ މިނެއްގައި ހިފަހައްޓަ އެވެ. ސަބަބަކީ، އޭގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުމެވެ. ޕޮޓޭސިއަމް ގެ ސަބަބުން ލޭހޮޅުތައް ހަމަޖެހި ރަނގަޅު ވަރެއްގައި ލޭގެ ޕްރެޝަރު ބަހައްޓައިދެ އެވެ. 100 ގުރާމު ބަނބުކޭލުގައި 440 މިލިގްރާމް ޕޮޓޭސިއަމް ހުރެ އެވެ.

ތަފާތު އިންފެކްޝަން ތަކުން ސަލާމަތްކޮށްދޭ

އިންސާނާގެ ހަށިގަނޑު އިންފެކްޝަންތަކާއި ހަނގުރާމަ ކުރަން އެންމެ މުހިންމު އެއް މާއްދާއަކީ ވިޓަމިން ސީ އެވެ. 100 ގުރާމު ބަނބުކޭލުގައި 29 މިލިގްރާމް ވިޓަމިންސީ ހުރެ އެވެ. އޭގެ ސަބަބަބުން އިންފެކްޝަންތައް އަވަހަށް ރަނގަޅުވެ އަދި ކެންސަރު ޖެހޭ ބައެއް ސެލްތައްވެސް ނައްތާލަ އެވެ.

ނިދުމަށް އެހީތެރިވެދޭ

ބަނބުކޭލަކީ ފަސޭހައިން ނިދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސަބަބަކީ ބަނބުކޭލުގައި ގިނަ އަދަދަކަށް މެގްނީޒިއަމް ހުންނާތީ ޢެވެ. މެގްނީޒިއަމް އަކީ ނިދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ހަށިގަނޑުގެ މެޓަބޮލިޒަމް ހަމައަކަށް އަޅުވައި އިންސޯމްނިއާ ފަދަ ކަންކަމުންވެސް ދުރުހެލި ކޮށްދެ އެވެ.