މަދިރިއަކީ އޭގެ ސަބަބުން އަހަރުމެންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެ ގިނަ ބަލިތަކެއް ޖައްސާ އެއްޗެކެވެ. މަދިރި މަދުކުރަން ގައުމީ އަދި އަމިއްލަ ފެންވަރުގައި ވެސް ގިނަ ކަންތައް ތަކެއް ކުރި ނަމަވެސް މަދިރި ހަފާ ވަރުން އެއްތާކު ހަމަޖެހިގެން ނީންދެވޭ ފަހަރު ވެސް މަދެއް ނޫނެވެ<

މިގޮތުން ރޭގަނޑުގެ އަރާމު ނިދިން މަދިރި ހަފައިގެން ހޭލެވިއްޖެނަމަ އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ އޯޓްމީލް ތަށްޓެއް ކެއުމެވެ. އޯޓްމީލްއަކީ އޭގައި ހިމެނޭ ހާއްސަ މާއްދާތަކެއްގެ ސަބަބުން ކެހުން ދަށްކޮށްދޭ އެއްޗެކެވެ. އޯޓްމީލްގައި އެހެނިހެންވެސް ފައިދާ ހުންނަ އިރު ބައެއް ބޭރު ގައުމުތަކުގައި މަދިރީގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި އޯޓްމީލްއިން ފެންވަރައި ހަދަ އެވެ.

އޭގެ އިތުރުން ގަނޑު ފެނަކީވެސް މަދިރި ހެފުމުން ލިބޭ ތުރާލަށް އޮތް ރަނގަޅު ފަރުވާ އެކެވެ. މިގޮތުން ގަނޑުފެން ކުދިކޮށްގެން މަދިރި ހެފި ތަނުގައި އެޅުމަކީ އެންމެ ރަނގަޅު ގޮތެވެ. ފިނިކަމުގެ ސަބަބުން މަދިރި ހެފުމަށްފަހު ކުރިމަތިވާ ކަންކަން މަޑު މަޑުން ހުއްޓޭއިރު މިއީ ގިނަ ފަހަރަށް ކުޑަ ވަގުތުކޮޅަކުން ހޯދޭ ހައްލެެކެވެ.

މާމުއަކީވެސް މަދިރި ހެފުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އޮތް ފަރުވާ އެކެވެ. މާމުއިގައި ހިމެނޭ އެންޓި ބެކްޓީރިއަލް އަދި އެންޓި އިންފްލެމެޓަރީ މާއްދާތަކެއްގެ ސަބަބުން މަދިރި ހަފާ ތަންތަން ވަރަށް އަވަހަށް ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި މާމުއި ވަނީ ބެލެވިފަ އެވެ. މާމުއި އަކީ އެފަދަ ކަންކަމަށް އެތައް ސަތޭކަ އަހަރުތަކެއްވަންދެން ބޭނުންކުރެވެމުން އައި އެއްޗެކެވެ.

މިއީ މަދިރީގެ އުނދަގޫ އަދި މަދިރި ހެފުމުގެ ސަބަބުން ދިމާވާ ތަދުތަކުން ސަލާމަތްވުމަށް ކުރެވިދާނެ ފަސޭހަ ބައެއް ކަންކަމެވެ. ދެން ފަހަރަކުން މަދިރިއާ ހެދި އުނދަގޫވެގެން އުޅެން ޖެހޭނަމަ މިއިން ހައްލެއް ހޯދުން ރަނގަޅެވެ.