ސީރިއާ (12 ސެޕްޓެމްބަރު) - ސީރިއާއާއި ލުބްނާން ގުޅޭ ބޯޑަރު ކައިރީގައި ހިނގި މަގުމަތީގެ އެކްސިޑެންޓަކާއެކު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ސީރިއަން އޮބްޒާވެޓަރީ ފޯ ހިއުމަން ރައިޓްސްއިން އިއްޔެ ބުނީ ލުބްނާން ބޯޑަރާ ނުވަ ކިލޯމީޓަރު ދުރުގައި އޮންނަ އަލް ޒަރާ ނަމަކަށް ކިޔާ އަވަށެއްގައި ހިނގި މި އެކްސިޑެންޓުގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސްޓިމިއުލަންޓް ކެޕްޓަގަންގެ ތިން މިލިއަނަށްވުރެ ގިނަ ގުޅައާއި ދެ ޓަނަށް ވުރެ ގިނަ ކެނެބިސް ހިމެނޭ ކަމަށް އެ ފަރާތުން ބުނެ އެވެ.

މަސްތުވާ ތަކެތި ބަރުކޮށްގެން ދަތުރުކުރި އުޅަނދަކާއި އެ މަގުން ދަތުރުކުރި އެހެން އުޅަނދެއް ޖެހި މި އެކްސިޑެންޓުގައި އެކަކު މަރުވެ އިތުރު ބަޔަކަށް އަނިޔާ ވެފައިވެ އެވެ.

ހިއުމަން ރައިޓްސް އޮބްޒަވޭޓަރީއިން ބުނީ ލުބްނާން ބޯޑަރު ކައިރީގެ ބައެއް ސަރަހައްދުތަކުގައި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲގެ ބެލުމުގެ ދަށުން މަސްތުވާ ތަކެތި އުފައްދާ ޕްލާންޓްތައް ހިންގަމުން އަންނަ ކަަމަށެވެ.

މި ޕްލާންޓްތަކުން އުފައްދާ މަސްތުވާ ތަކެތި މެދުއިރުމައްޗާއި ގަލްފްގެ ގައުމުތަކަށް އެތެރެ ކުރެވެމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ތުހުމަތު ކުރެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ލުބްނާންގެ އިމްޕޯޓް މުދަލުގައި ފޮރުވައިގެން އެހެން ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވެ އެވެ. -- އަލް އަރަބިއްޔާ