އިސްތަށި ފައިބައި ތުނިވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާ ކަންބޮޑުވާ ކަމެއްކަން ޔަގީނެވެ. ފެންވަރައިގެން ނިކުންނަ ކޮންމެ ފަހަރަކު ނުވަތަ ބޮލުގައި ފުނާ އަޅާ ކޮންމެ ފަހަރަކު ބޮލުން އިސްތަށި ހުސްވެދާނެއޭ ހީވާ ފަހަރު ވެސްދެ އެވެ. މިކަމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟

ރަނގަޅު ކެއުންތައް ނުކެއުން

ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ޑައިޓް ކުރުމަކީ ނުކައި ހުރުމެވެ. އެހެން ކަމުން ހިކުމުގެ ނަމުގައި ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް މަދުވެ އެވެ. މިގޮތުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްސް މަދުވެ މިކަމުގެ ސަބަބުން އިސްތަށިގަނޑު އާދަޔާ ޚިލާފަށް ބަލިވެ، އިސްތަށި ބުރިވުމާއި ބުޑުންް ލުހިގެން ދިޔުންފަދަ ކަންކަމަށް މަގުފަހިވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތަކީ އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބޭ މިންވަރު މަދުވެ އެވެ. މީގެ އިތުރުން ދުންފަތަކީ އުމުރަށް ވުރެ އަވަހަށް އިންސާނާ މުސްކުޅި ކޮށްލާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކާއިރު ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް މުސްކުޅި ވުމުގެ ނިޝާންތަކެވެ.

ސްޓްރެސް އިތުރުވުން

އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އައު އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތެވެ.

އަވީގައި މާ ގިނައިރު އުޅުން

އިރުގެ އަލީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފައްދާ މިންވަރު މަތި ވެއެވެ. އެހެންނަމަވެސް ވިސްނާލަންވީ ކަމަކީ މާ ގިނަ ވަގުތު އަވީގައި އުޅޭނަމަ އޭގެން ކުރާ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެވެ. އޭރުން އިސްތަށިގަނޑު މުރަނަވެ ދެކަފިވާންވެސް ފަށަ އެވެ.