ފަތިސް ނަމާދަށް ހޭލަން ކިތަންމެ ބޭނުން ވިޔަސް ވަގުތުގެ ކުރިން ނުހޭލެވި ނަމާދުގެ ވަގުތު ފާއިތުވުމަކީ އަހަރުމެންނަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ފަތިހު ހޭލަން ބޭނުން ނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ކެފެއިން މަދު ކުރުން

ރައްޓެހިންނާއެކު ރޭގަނޑު ކޮފީއަށް ދިއުމަކީ ދިވެހިންގެ އާދައެކެވެ. ނަމަވެސް ފަތިހު ތެދުވަން ބޭނުންނަމަ އިރުއޮއްސުމަށްފަހު ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ. ދިރާސާއަކުން ދައްކާގޮތުން ރޭގަނޑު 400 މިލިގްރާމް ކޮފީ ބޭނުންކޮށްފިނަމަ ހަ ގަޑިއިރު ވާންދެން ނިދަން އުނދަގޫވެ އެވެ. އެ ދިރާސާގައިވާގޮތުން އަވަހަށް ހޭލަން ބޭނުން ނަމަ ހަވީރު ފަހެއްގެ ފަހުން ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ.

ފޯނާއި ލެޕްޓޮޕް ބޭނުންކުރުން ހުއްޓާލުން

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު ވަގުތު ގިނައިރު ލެޕްޓޮޕު ދޮށުގައި އިނުން ނުވަތަ ފޯނުގެ ސްކްރީން ގިނަ ވަގުތު ބެލުމަކީ ތި ނިދަން އުނދަގޫވާ ކަމެކެވެ. އެހެންކަމުން ރޭގަނޑު ވަގުތު ލެޕްޓޮޕާއި ފޯނަށް ދޭ އަހައްމިއްޔަތު އެހެން ކަންކަމަށްދީ އެ އާދަ ބަދަލުކޮށްލައިފި ނަމަ ނިދަން ފަސޭހަވެ އެވެ. ފަސޭހައިން ނިދޭނަމަ ފަސޭހައިން ހޭލަން މާ ބޮޑު ކަމަކަށް ނުވެ އެވެ.

ރޭގަނޑުގެ ޛިކުރުތައް ކިއުން

ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ އެތައް ގިނަ ޛިކުރުތަކެއްވެ އެވެ. އެހެން ކަމުން ނިދަން އޮށޯވެ މި ޛިކުރުތައް ކިޔައި ފަތިހު ހޭލަން ނިޔަތް ގަތުމަކީ އެކަމަށް ކުރެވޭނެ އެންމެ މުހިއަްމު ކަމެވެ.

ރޭގަނޑު ފެން ބުއިން

މިކަމަށް މާގިނަ ދިރާސާތަކެއް ނުވަތަ ދިރާސާއެއް ހެދިފައި ނެތްނަމަވެސް ގިނަ ބަޔަކު ބުނާގޮތުން ނިދުމުގެ ކުރިން ފެންތައްޓެއް ބޯލުމުން ފަތިހު ހޭލަން ފަސޭހަ ވެ އެވެ. އެގޮތުން 300 މިލިލީޓަރަށްވުރެ މަދުނުވާވަރަށް ނިދުމުގެ ކުރިން ފެންބޯނަމަ ކުޑަކަމުދާން ޖެހި ފަތިހު ހޭލެވުން ގާތް ކަމަށް މިކަމަށް ހިތްވަރުދޭ މީހުން ބުނެ އެވެ.