ދިރާސާ ތަކުން ދައްކާގޮތުގައި ކޮންމެ 10 މީހަކުން އެކަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ކިޑްނީގައި ހިލަ އުފެދޭނެ މީހެކެވެ. މިއީ ރާއްޖެއިން ވެސް މިހާރު އާއްމުކޮށް ފެންނަ ކަމެކެވެ.

ކިޑްނީގައި ހިލަ އުފެދެނީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެން ހީހަށް ބަދަލުވުމުގެ މަރުހަލާގައި ހަރު އެތިކޮޅުތަކަކަށް ބަދަލުވެގެންނެވެ. ކިޑްނީގައި މިގޮތަށް އުފެދޭ ގިނަ ހިލަ އަކީ ވަރަށް ކުދި ހިލަތަކެކެވެ. އެހެންވެ ހީސްލާއިރު އެ ހިލަތަށް ބޭރުވެގެންދާ ކަމަށް ވެ އެވެ. ހިލަތަށް ހަށިގަނޑުން ބޭރުވާން މަދުވެގެން ހަތަރު ހަފްތާ ނަގަ އެވެ.

މިއީ ވޭންހުރި އުނދަގޫ ކަމަކަށް ވާއިރު މިކަމުން ދުރު ވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

ގިނައިން ފެން ބުއިން

ގިނައިން ފެން ނުބޯނަމަ ހަށިގަނޑަށް ވަރަށް ނުރައްކާ ބޮޑުވާނެ އެވެ. ކިޑްނީ އާއި ފެނާ ގުޅިފައިވާ މިންވަރަށް ބަލާއިރު ފެން ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުންވާން ހުންނަ ފެން މަދުވެ ހިލައަށް ބަދަލުވެ އެވެ. ޑޮކްޓަރުން ލަފާދޭގޮތުގައި ދުވާލަކު ތިން ލީޓަރުގެ ފެން ނުވަނަ 12 ތަށިފެން ބޯންވާނެ އެވެ.

ކެލްސިއަމް ގިނަ ކެއުންތައް މަދުކުރުން

ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ އެއްޗެހީގެ ތެރޭގައި ކެލްސިއަމް ހިމެނޭ ކާއެއްޗެހި ކެއުން ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި ބައެއް ފެހި ފަތާއި މަހުގެ ބާވަތްތަކާއި ޔޯގަޓް ހިމެނެ އެވެ.

ލޮނު ބޭނުންކުރުން މަދު ކުރުން

ލޮނު މަދުން ބޭނުން ކުރުމުން ނުވަތަ ކާއެއްޗެހީގަ ލޮނުރަހަ މަޑުވުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުވާ ފެނުގައި ހުންނަ ކެލްސިއަމް މަދުވެ އެވެ. އަދި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވާނެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާނީ ތިނެއް ނުވަތަ ފަސް ގްރާމުގެ ލޮނެވެ.