ތަފާތު ބަލިތައް ޖައްސާ ޖަރާސީމު އެންމެ ފަސޭހައިން ގަޔަށް އަރާކަމަށް ބެލެވިފައި އޮންނަނީ ފާހާނާއިންނެވެ. އެކަމަކު ފަހުގެ ދިރާސާއަކުން ވަނީ އެކަން ވަނީ ދޮގުކޮށްފައި އެވެ.

ޖަރުމަނުވިލާތުގެ ޖާނަލް ސައިންޓިފިކުން ކުރި ދިރާސާއެއްގެ އަލީގައި ބުނެފައިވަނީ ބަދިގެއަކީ ފާހާނާއަށް ވުރެ ފަސޭހައިން ގަޔަށް ބަލިޖައްސާ ޖަރާސީމު އުފެދޭ ތަނެއް ކަމަށެވެ. ބަދިގޭގައި ވެސް އެންމެ ނުރައްކާތެރި ޖަރާސީމު އުފެދެނީ ސާފު ކުރަން ބޭނުން ކުރާ ސްޕޮންޖުގައި އެވެ. އެގޮތުން ނުރައްކާތެރި ދެ ވައްތަރެއްގެ ޖަރާސީމެއް ސްޕޮންޖުގައި އުފެދޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް ބަދިގޭގައި ތަން ސާފު ކުރުމަށާއި ތަށީ ދޮވުމަށް ބޭނުން ކުރާ 14 ވައްތަރެއްގެ ސްޕޮންޖެން ބޭނުން ކުރި އެވެ. އޭގެ ތެރެއިން ނަގާފައިވާ އެއް ސާމްޕަލް އަކުން 54 ބިލިއަން ޖަރާސީމު ފެނިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ދޮވުނަސް އޭގައި ހުންނަ ޖަރާސީމު ތަކެއް ނުދެ އެވެ.

ސްޕޮންޖުގައި އުފެދޭ ޖަރާސީމުން ޖެހޭ ބަލިތަކުގެ ތެރޭގައި ކޮލެރާ، ހުން އައުން އަދި ކާނާ ވިހަވުން ހިމެނެ އެވެ. އެ ދިރާސާ ކުރި ޓީމުން ބުނީ ނަތީޖާއަށް ބަލާއިރު ކާނާ ވިހަވުމާއި ގުޅިފައިވާ ގިނަ ބަލިތަކަކީ ސޮޕޮންޖާވެސް ގުޅުން ހުރި ބަލިތަކެކެވެ.

އެ ޓީމުން ލަފާދީފައިވަނީ ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ކޮންމެ ހަފްތާއަކު އެއްފަހަރު ބަދަލު ކުރުމަށެވެ.