ޕާސްތާއަކީ ގިނަ ބަޔަކަށް ކަމުދާ ކެއުމެއް ނަމަވެސް ގިނަ މީހުން އެ ކެއުމުން ދުރުވަނީ އެއިން ގިނަ ގެއްލުންތަކެއް ލިބޭ ކަމަށް ވިސްނާފަ އެވެ. އެހެން ނަމަވެސް ކާންވާ ރަނގަޅު ގޮތަށް ކައިފިނަމަ ޕާސްތާއަކީ ގެއްލުންހުރި އެއްޗެއް ނޫންކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

އެ ދިރާސާތަކުން އެނގުނު ގޮތުގައި ޕާސްތާ ކައިގެން ހަށިގަނޑަށް ގެއްލުން ލިބެނީ ޕާސްތާ ކައްކާއިރު އަޅާ އެއްޗެހީގެ ސަބަބުންނެވެ.

ކެނަޑާގައި 2،500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކާ ގުޅޭގޮތުން ޖާނަލް ބީއެމްޖޭގައި ބުނެފައިވަނީ ޕާސްތާ ކެއުމުން ފަލަވެ، ހަށިގަނޑަށް ގެއްލުން ލިބެނީ ޕާސްތާ ކައްކާއިރު ރެސްޓޯރަންޓުތަކުން މީރު ކުރުމުގެ ނަމުގައި އަޅާ އެއްޗެހިން ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ޗީޒް އާއި، ސޯސް ހިމެނެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ ޕާސްތާ އަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭ ކާއެއްޗަކަށް ވާއިރު އެއިން މީހާ ފަލަވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއާ ޚިލާފަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ އާއި އެކު ހަފްތާ އަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ޕާސްތާ ކާނަމަ ބަރުދަން ލުއިކޮށްދޭނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ތަފާތު ޗީޒް އާއި ސޯސްތަކުގެ ބަލަުގައި ޕާސްތާ ކައްކާއިރު އެއްކުރަންވީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ތަރުކާރީ އާއި ޕްރޮޓީން އިން މުއްސަނދިވެފައިވާ ބާވަތްތަކެވެ.

މި ދިރާސާއާ ބައެއް ނިއުޓްރީޝަނުން ދެކޮޅު ހެދި ނަމަވެސް އެމީހުންވެސް އެއްބަސްވެފައިވާގޮތުގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ކާއެއްޗެގައި އެކުލެވޭނެމަ އެ އެއްޗަކުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެ އެވެ.