މަޝްރޫމްއަކީ ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ. ރަހައާ އެއްވަރަށް ސިއްހަތަށް ވެސް މިއީ ރަނގަޅު ކެއުމެކެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި މަޝްރޫމް ހިމަނަންވީ ގިނަ ސަބަބުތަކެއް ސައިންސްވެރިން ދައްކަ އެވެ.

މަޝްރޫމް ކެއުމުން ބަނޑުފުރިފައިވާކަމުގެ އިހުސާސެއް ގެނެސްދީ އަވަސް އަވަހާ ބަނޑުހައިހޫނުކަމުން، ދުރުކޮށްދެ އެވެ. މިކަން ވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް މިނިސޯޓާ އިން ހޯދި ހޯދުމަކުން ސާބިތުވެފަ އެވެ. މި ހޯދުމުން ސާބިތުވެފައިވާ ގޮތުގައި މަހުގެ ބަދަލުގައި ހެނދުނު ގިނައިން މަޝްރޫމް ބޭނުން ކުރުމުން ދުވާލުގެ ބާކީ އޮންނަ ވަގުތުގައި ބަނޑުހައިވާ މިންވަރު ކުޑަވެފައި ކާހިތްވާ މިންވަރު މަދުވެ އެވެ.

މިއީ ބަރުދަން ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި މީގެ އިތުރުން ސަރުބީ ވިރުވައިދިނުމަށް ބޭނުންވާ ވިޓަމިން ބީގެ މިންވަރު މަޝްރޫމްސްގައި ގިނަ އެވެެ. އެހެންކަމުން ގިނައިން މަޝްރޫމް ބޭނުންކުރާނަމަ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމަށްވެސް ފަސޭހަވެގެންދެ އެެވެ.

މިއާއެކު މަޝްރޫމަކީ ހަށިގަނޑުގައި ވަރު ޖައްސައިދޭ ބާވަތަކަށް ވުމުން ހެނދުނުގެ ނާސްތާގައި މަޝްރޫމް ބޭނުންކޮށްފިނަމަ ދުވަހާ ކުރިމަތި ލުމަށް އިތުރު ހިތްވަރެއް ލިބިގެންދެ އެވެ.

ހެނދުނުގެ ނާސްތާގައި މަޝްރޫމު ބޭނުންކުރާނަމަ ކުރާނަމަ އެންމެ ރަނގަޅުގޮތަކީ ފިހެގެން ނުވަތަ މައިކްރޯވޭވްކޮށްގެން ބޭނުންކުރުމެވެ. ސަބަބަކީ މައިކްރޯވޭވްކުރުމުން ނުވަތަ ފިހުމުން އޭގައި ހިމެނޭ ސިއްހަތައް ފައިދާހުރި މާއްދާތައް އެއްވަރެއްގައި ހިފަހައްޓައިދޭތީ އެވެ.

މަޝްރޫމް ތެލުލައިފިނަމަ ނުވަތަ ފެނުކައްކައިފިނަމަ އޭގައި ހުންނަ ގިނަ މާއްދާތަކެއްގެ ބޮޑު ނިސްބަތެއް މަދުވެ އެވެ. އަދި ތެލުލައިފިނަމަ އޭގައި ހުންނަ ސަރުބީގެ މިންވަރު އިތުރުވެ އެވެ.