އާއްމު ގޮތެއްގައި އިންސާނެއްގެ ބޮލުން ދުވާލެއްގެ މައްޗަށް 150 އިސްތަށި ފޭބުމަކީ "ނޯމަލް" ކަމެކެވެ. އެހެން ނަަމަވެސް އެއަށްވުރެ ގިނައިން އިސްތަށި ފައިބާނަމަ އެއީ ފަރުވާކުޑަ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. އެއީ ބޮޑު ބައްޔެއްގެ ފުރަތަމަ އަލާމާތަކަށް ވެސް ވެދާނެ އެވެ.

ކެންސަރު

ކެންސަރު ބަލި ޖެހުމުން ނޭނގި ހުއްޓަ އިސްތަށި ފައިބަން ފަށާފާނެ އެވެ. އެއާއެކު ކެންސަރު ބައްޔަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯ ތްރަޕީ ދޭން ފެށުމުން އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފައިބާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކެންސަރު ބަލިން ސަލާމަތްވިޔަސް ބޮލުގެ ވަކި ތަންތަނުން އިސްތަށި ނުފެޅުމަކީ ވެދާނެ ކަމެކެވެ. އަދި ގައިގެ ބައެއް ތަންތަނުން އިސްތަށި ނުފެޅުމަކީވެސް ވެދާނެ ކަމެކެވެ.

ހަކުރު ބަލި

ހަކުރު ބަލި ޖެހުމުން ބައެއް ގުނަވަންތަކަށް ލޭފޮނުވައި ދިނުމުގައި މައްސަލަ ދިމާވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި އިސްތަށިތައް ހަރުވެ ފައިބާ ގޮތްވެ އެވެ.

އެނީމިއާ

އެނީމިއާ ޖެހެނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ލޭގެ ރަތް ސެލް އުފައްދައި ނުދޭން ފެށުމުންނެވެ. އޭގެ ސަބަބުން ގުނަވަންތަކަށް ލޭ ދައުރުވުމުގައި މައްސަލަ ޖެހެ އެވެ. ހަކުރު ބައްޔެކޭ އެއްގޮތަށް އިސްތަށިތަކުގެ ބުޑު ހަރުވެ ފައިބާގޮތްވަނީ މިހެންވެ އެވެ.

ތައިރޮއިޑް

ބޮލުން އިސްތަށި ފައިބަނީ ތައިރޮއިޑް ޖެހުމުންނެއް ނޫންނެވެ. ތައިރޮއިޑަށް ކާންޖެހޭ ބޭސްތަކުންނެވެ. އެ ބޭސްތަކުން ބޮލުގެ އިތުރުން ގައިގެ އެކި ތަންތަނުން އިސްތަށި ފައިބާނެ އެވެ. އެކަމަކު އެއީ ވަގުތީ ކަމެކެވެ. އެ ބޭސްތައް ކެއުން ހުއްޓާލުމުން އަލުން އިސްތަށި ފެޅުމުގެ ފުރުސަތު ބޮޑެވެ.