ކިތަންމެ ވަރަކަށް ކަސްރަތު ކުރިއަސް ނަތީޖާ ނުފެންނަ ކަމުގެ ޝަކުވާއަކީ އާއްމުކޮށް އިވޭ ވާހަކަ އެކެވެ. ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން އަދި ކަސްރަތު ކުރާއިރު ކެއުން ގެންގުޅެވޭ ގޮތަކުން މިކަން މެދުވެރިވެދާނެ އެވެ.

އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ ކަސްރަތު ކުރާއިރު ކެއުން ގެންގުޅެންވީ އެންމެ ރަނގަޅު ގޮތަށެވެ.

ކަސްރަތު ކުރުމުގެ ކުރިން

ކަސްރަތުގެ ކުރިން ކެއުން އެންމެ ރަނގަޅީ ކާބްސް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް މާ ގިނައިން ނުކެއުން މުހިއްމެވެ. ކެއުން އެންމެ ރަނގަޅީ ކަސްރަތު ކުރުމުގެ 1-4 ގަޑިއިރު ކުރިންނެވެ. ކާބްސް ހިމެނޭ ތަކެތި ކާއިރު އެންމެ މުހިއްމީ ފެޓްސް މަދު، ގިނައިބް ޕްރޮޓީން ހިމެނޭ ތަކެތި ކެއުމެވެ. އެކަމުގެ ސަބަބުން ކަސްރަތު ކުރަމުން ދާއިރު ހަށިގަނޑުގެ މަސްތައް ވަރުބަލިވުމުން ދުރުކޮށްދެ އެވެ.

ކަސްރަތުގެ ތެރެއިން

ކަސްރަތު ކުރަމުން ދާ ވަގުތަކީ ތިމާގެ ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވާނެ ވަގުތެކެވެ. އެހެންކަމުން ދިޔާ އެއްޗެއް ކަސްރަތުގެ ވަގުތު ބުއިން މުހިއްމެވެ. އެގޮތުން ފެން ނުވަތަ ތާޒާ ޖޫހެއް ބޭނުން ކުރެވިދާނެ އެވެ. އަދި ހަމަ އެހެންމެ ކާބްސް ހިމެނޭ މެވާ އެއްވެސް ކެވިދާނެ އެވެ.

ކަސްރަތު ކުރުމުގެ ފަހުން

ކަސްރަތަށްފަހު ކެއުމާއި ދޭތެރޭގައި ވަކި ވަގުތެއް ދޫކުރަން ޖެހެއެވެ. އެެހެންނަމަވެސް މިކަމާއި ދޭތެރޭ އެކި ސިއްހީ މާހިރުންގެ ހިޔާލު ތަފާތެވެ. ނަމަވެސް މަދުވެެގެން 45 މިނެޓާއި 1 ގަޑިއިރާއި ދޭތެރޭގެ ވަގުތެއް ދޫކުރުމަކީ މުހިއްމު ކަމެކެވެ. މިވަގުތު އެންމެ މުހިއްމީ ޕްރޮޓީން ގިނަ ބާވަތްތަކެވެ.