ތެހްރާން (21 ސެޕްޓެމްބަރު) - އީރާނުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުންނާއި ކުރީގެ ގައިދީން ގުޅިގެން އެގައުމުގެ ރައީސް އިބްރާހިމް ރައީސީއާ ދެކޮޅަށް ޝަރުއީ މައްސަލައެއް ކޯޓަށް ހުށައަޅައިފި އެވެ.

އެމެރިކާގެ ކޯޓަކަށް ހުށައެޅި މި މައްސަލާގައި ބުނެފައިވަނީ 1980ގެ އަހަރުތަކުގައި އީރާނުގައި ހިންގި ގަތުލު އާއްމުތަކުގައި ރައިސީގެ ހިއްސާ އޮތް ކަމަށެވެ.

މި މައްސަލަ ހުށައެޅިކަން އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ޔަގީން ކޮށްދީފައި ނުވާއިރު އެމެރިކާގެ ފެޑެރަލް ކޯޓުން މައްސަލައިގެ އިއުލާން ވަރަށް އަވަހަށް ކުރާނެ ކަމަށް ބެލެވެ އެވެ.

މައްސަލަ ހުށައެޅި ފަރާތްތަކުން ބުނާ ގޮތުގައި ރައިސީގެ ސަބަބުން އެމީހުންނަށް ނާއިންސާފާއި ކުރިމަތިލާން ޖެހިފައިވާއިރު އީރާނުގެ ޖަލުތަކުގައި އަނިޔާވެރި ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

ރައިސީއާ ދެކޮޅަށް ޝަރުއީ މައްސަލްއެއް ހުށައަޅާފައި މިވަނީ އދގެ އާއްމު މަޖިލީހުގައި އޭނާ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައަކީ އެމެރިކާގެ ކޯޓަކަށް ރައިސީއާ ދެކޮޅަށް ހުށައެޅުނު ފުރަތަމަ މައްސަލައެއް ނޫނެވެ. މީގެ ކުރިން ވެސް ރައިސީގެ ޝަރުއީ މއްސަލައެއް އެމެރިކާގެ ކޯޯޓެއްގައި ކުރިއަށް ގެންގޮސްފައިވެ އެވެ. -- އަލް އަރަބިއްޔާ