ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ ހަށިގަނޑަށް ލިއްބައިދޭ ކިޔުކަމްބާއަކީ އެއިން ހަށިގަނޑަށް ތަފާތު އެތަކެއް ފައިދާތަކެއް ލިއްބައިދޭ މުހިންމު ތަރުކާރީގެ ބާވަތެކެވެ.
ޚާއްސަކޮށް ކިއުކަމްބާގެ ތޮށްޓަކީ ގިނަ އަދަދަކަށް ފައިބާގެ އިތުރުން މިނަރަލްގެ މުހިއްމު ބައިތަކެއް ހިމެނޭ އެއްޗަކަށް ވާއިރު ކިއުކަމްބާއަކީ އަނގައިން ނުބައި ވަސް ކެނޑުވުމަށް ވެސް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ޑެންޓިސްޓުން ބުނެ އެވެ.
ކިއުކަމްބާއިން އަނގައިގައި އުފެދޭ ކުޅުގެ މިންވަރު އިތުރު ކޮށްދޭކަމަށް ޑެންޓިސްޓުންނާއި ޑޮކްޓަރުން ބުނާއިރު ކިއުކަމްބާ ފޮއްޗެއް ދުލާއި އަނގައިގެ މަތީބައިގައި ޖައްސާފައި ނުވަދިހަ ސިކުންތުވަންދެން ބެހެއްޓުމުން އަނގައިން ދުވާފާނެ ނުބައިވަހެއް އެތައް ގުނައެއް ކުޑަކޮށްދޭ ކަމަށްވެ އެވެ.
އަދި ކިއުކަމްބާ ކެއުމުން ދަތްތަކުގެ ދޭތެރެ ސާފުކޮށްދީ ދަތްތަކުގައި ހަރުލާފައި ހުންނަ ކާ އެއްޗިހި ނައްތާލަދޭ ކަމަށްވެސް ޑެންޓިސްޓުން ވަނީ ހާމަކޮށްފަ އެވެ. މިގޮތުން އަނގައިން ނުބައިވަސް ކެނޑުވުމަށް ޑޮކްޓަރުންނާއި ޑެންޓިސްޓުން ދޭ އެންމެ އާންމު އެއް ލަފައަކީ ގިނައިން ކިއުކަމްބާ ކެއުމެވެ.
ހެނދުނުގެ ނާސްތާ ކުރުމަށް ފަހު ކުރިން ދެންނެވުނު ގޮތަށް ކިއުކަމްބާ ފޮއްޗެއް އަނގައިގެ ތެރޭގައި 90 ސިކުންތު ވަރު ބޭއްވުމަކީ ކެއުމަށްފަހު އަނގައިން ދުވާ ނުބައިވަސް ނައްތާލުމަށް ކުރެވިދާނެ ވަރަށް ފަސޭހަ އެއް ކަމެވެ.
މި ނޫނަސް ކިއުކަމްބާއަކީ ކެއުމުގައި ހިމެނުން ވަރަށް މުހިންމު ތަރުކާރީއެކެވެ. ބަރުދަން ލުއިކުރުމަށް އަދި ހަށިގަނޑުން ވަރުބަލިކަން ފިލުވައިދި ވަރުޖައްސައިދޭ ބާވަތަކަށް ވެފައިވާއިރު ކިއުކަމްބާއަކީ ހަމުގެ އެކި އެކި މައްސަލަތަކަށްވެސް ވަރަށް ފައިދާހުރި ބާވަތެކެވެ.