ވޮޝިންޓަން (24 ސެޕްޓެމްބަރު) އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އިތުރު ޝަރުއީ މައްސަލަތަކެއް ކޯޓަށް ހުށަހެޅުމާ އެކު އޭނާއަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު މާލީ އެހީ ދެމުން އެބަދެ އެވެ.

ޓްރަމްޕްގެ މައްޗަށް އޭނާގެ މާލިއްޔަތު އޮޅުވާލައިގެން ނުހައްގު ފައިދާ ހޯދުމުގެ ދައުވާއެއް ހުށައަޅާފައިވާއިރު މިއީ ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ މައްޗަށް އުުފުލުނު ދެވަނަ ދައުވާ އެވެ. މީގެ ކުރިން އޭނާގެ ގެއިން ސަރުކާރުގެ ލިޔެކިޔުންތަކެއް ފެނުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މި މައްސަލަތަކާ އެކު ޓްރަމްޕްގެ ގާނޫނީ ލަފާގެ ޚަރަދުތައް އިތުރު ވުމުން އޭނާ ތަމްސީލުކުރާ ރިޕަބްލިކަން ޕާޓީންނާއި އޭނާގެ ސަޕޯޓަރުން ދަނީ މި ޚަރަދުތައް ކުރުމަށް އޭނާއަށް މާލީ އެހީތައް ދެމުންނެވެ.

އޭގެ އިތުރުން ވެސް ޓްރަމްޕްގެ ފިކުރަށް ތާއީދުކުރާ އަމިއްލަ ޖަމާއަތްތަކުން ވެސް އަންނަނީ އޭނާއަށް މާލީ ގޮތުން އެހީ ވަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް ވެސް ޓްރަމްޕަށް އެހީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު މި އެހީން އޭނާ ވަނީ ކޭސްތަކުގެ ހަރަދުތައް ވެސް ދައްކައިފަ އެވެ.

ޓްރަމްޕަށް ބޭނުންވާ މާލީ އެހީ ހޯދަން ސޯޝަލް މީޑިއާގައި ކެމްޕެއިންއެއް ހިންގަމުން އަންނައިރު މި ކެމްޕެއިނަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. -- އަލް އަރަބިއްޔާ