ފަޅޮލަކީ އާއްމުކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހައްދައި އުޅޭ އަދި ފަސޭހައިން ހައްދާވެސް ލެވޭ މީރު މޭވާ އެކެވެ. އެއީ އެންމެ ކުރީ ޒަމާނުއްސުރެ ވެސް ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުންކޮށް އުޅުނު ބާވަތެފެވެ.

ފަޅޮލަކީ ކޮންމެ ދުވަހަކުވެސް ކެއުމަށް ރަނގަޅު އަދި އަޖައިބު ކުރުވަނިވި ފައިދާތަކެއް ހަށިގަނޑަށްވެސް ލިއްބައިދޭ މޭވާ އެކެވެ. އެގޮތުން ފަޅޮލުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާ ތަކަށް ބަލާލާނަމެވެ.

ކޮލެސްޓުރޯލް ދަށްކޮށްދޭ

ފައިބާ، ވިޓަމިން ސީ އަދި އެހެނިހެން އެންޓި އޮކްސިޑެންޓުތަކުން މުއްސަނދިވެފައިވާ ފަޅޮލަކީ، އާޓުރީގައި ސަރުބީ ޖެހުމުންވެސް ރައްކާތެރިކޮށްދޭ މޭވާ އެކެވެ. އޭގެ ސަބަބުން ހިތް ހުއްޓުމުންނާއި އެހެނިހެން ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބެ އެވެ.

ބަރުދަން ލުއިކޮށްދޭ

ފަޅޮލަކީ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ މޭވާ އެކެވެ. ސަބަބަކީ އެއީ ކެލޮރީ އެކުލެވޭ މިންވަރު ދަށް މޭވާ އަކަށްވެފައި އަދި އޭގައި އެކުލެވޭ ފައިބާގެ ސަބަބުން އަވަހަށް ބަނޑުފުރޭ ކަމުގެ އިހުސާސް ކުރުވައި ހަޖަމު ކުރުމުގެ މަސައްކަތްވެސް އަވަސްވާތީ އެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ ވިޓަމިން ސީ ފަޅޮލުގައި ގިނަ އަދަދަކަށް އެކުލެވެ އެވެ. އެހެންކަމުން ވައިރަލް ރޯގާތަކުން ރައްކާތެރިވުމަށް ކޮންމެ ދުވަހަކުވެސް އާދަކޮށް ކެއުމުގައި ފަޅޯ ހިމަނާށެވެ.

ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ

ފަޅޮލަކީ ކިތަންމެ ފޮނި މޭވާ އެއް ނަމަވެސް، ހަކުރު އެކުލެވޭ މިންވަރު މަދު މޭވާ އެކެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުންނާއި އެ ބަލިން ރައްކާތެރިކަން ހޯދަން ބޭނުންވާ އެހެން މީހުންނަށްވެސް ފަޅޮލަކީ ވަރަށް ރަނގަޅު މޭވާ އެކެވެ.