މާ ގިނައިން ވާހަކަ ދައްކާ ކަމަށް ބުނެ، މީހަކު މައްސަލަ ޖައްސައިފި ނަމަ، އެއީ ލިބޭ އުފާވެރި ޚަބަރެއްގެ ގޮތުގައި ދެކޭށެވެ. ގިނައިން ވާހަކަ ދެއްކުމުގެ ހުނަރުގެ ސަބަބުން، އެ މީހެއްގެ ފަރުދީ ގުޅުންތައް ހަރުދަނާވެ، އެ މީހެއްގެ އިޙްސާސްތަކާއި ދެކޭގޮތްތައް ފުރިހަމަޔަށް އެހެން މީހުންނަށް ފޯރުކޮށްދެވުމުގެ އިތުރުން، ދިރާސާތަކުން ދައްކާގޮތުން، އެމީހެއްގެ އުމުރު ދިގުކޮށްދެ އެވެ.

އެމެރިކާގެ ދެ ޔުނިވާސިޓިއަކުން ކޮށްފައިވާ ދިރާސާއެއްގައި، ދުވާލެއްގެ މައްޗަށް އިންސާނަކު ވާހަކަ ދައްކަން ބޭނުންކުރާ ބަސްތަކުގެ އަދަދު އަދި ބޭނުންކުރާ ބަސްތަކާއި، އެމީހެއްގެ އުމުރާއި ހުންނަ ގުޅުން ބަލައި، ދިރާސާކޮށްފައިވެ އެވެ.

މިގޮތުން މި ދިރާސާ އިން ހާމަވި ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ މީހުން، ކަންކަމާމެދު ރަނގަޅަށް ވިސްނައި، ކަންކަމުގައި ކުރިމަތިލުމަށް ޖެހިލުން ނުވެ، ވިސްނުން ރަނގަޅު ގޮތުގައި ބޭނުންކޮށް ރިވެތި އަޚުލާޤީ ސިފަ، ގައިގައި ހަރުލާފައިވެ އެވެ. މިފަދަ ސިފަތަކެއް ލިބިފައިވުމުގެ ސަބަބުން، ދިރިއުޅުމުގެ ކާމިޔާބު ބަޔަކަށް މި މީހުން ވެގެން ގޮސްފައިވެ އެވެ. ދިރިއުޅުމަށް އަންނަ ރަނގަޅު ބަދަލުތަކުގެ ސަބަބުން އެ މީހުންގެ އުމުރު ދިގުވެ އެވެ.

މިކަމާ ބެހޭ ގޮތުންކުރި އިތުރު ދިރާސާއެއްގައި ދުވާލެއްގެ މައްޗަށް 15،000 ބަސް ބޭނުންކުރާ ފަރާތްތަކުގެ އުމުރު، އެއަށްވުރެ މަދުން ވާހަކަ ދައްކާ ފަރާތްތަކުގެ އުމުރަށްވުރެ ދިގު ކަމަށް ބުނެފައިވެ އެވެ. ޑރ. ރޯޖަސް އިތުރަށް ހާމަކުރައްވާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ ފަރާތްތަކަށް، ދިރިއުޅުމުގައި ތަފާތު ބޭނުންތައް ފުރިހަމަވެ، ހިތްހަމަޖެހިގެން ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިންސާނާގެ އުމުރު ދިގުވެ އެވެ.

ސައިންސްވެރިން ބުނާގޮތުގައި، އަންހެނުންގެ ހަށިގަނޑުގައި ހުންނަ "ފޮކްސް ޕީ2″ ޕްރޮޓީންގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20،000 ބަސް ވާހަކަ ދެއްކުމަށް ބޭނުންކުރެ އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ފިރިހެނަކު ވާހަކަ ދައްކަން ބޭނުން ކުރަނީ އެންމެ 7،000 ބަހެވެ. ދެ ޖިންސުގެ މީހުން ދުވާލެއްގެ މައްޗަށް ބޭނުންކުރާ ބަސްތަކުގެ އަދަދުގައި 13،000 ބަހުގެ ތަފާތެއްވެ އެވެ.