ވޮޝިންޓަން (26 ސެޕްޓެމްބަރު) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފިނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އެމެރިކާއިން އިންޒާރު ދީފި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުވިލަން ވިދާޅުވީ ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފި ނަމަ އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށާއި އެއީ ރަޝިއާ އަށް ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

އެމެރިކާ އިން މިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ވިސްނަވާ ފަދަ ބީދައަކުން ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

"ރަޝިއާ އިން ރަތް ރޮނގު ހުރަސް ކޮށްފި ނަމަ އެމެރިކާ އިން ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެ." ޓީވީ ޕްރޮގްރާމެއްގައި ސުވިލަން ވިދާޅުވި އެވެ.

ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފި ނަމަ އެމެރިކާ އިން އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތަފްސީލެއް އޭނާ ނުދެއްވި ނަމަވެސް އެ ފިޔަވަޅުތަކަކީ ރަޝިއާ އަށް ފަނާކުރުވަނިވި ގެއްލުންތަކެއް ކަމުގައި ވާނެ ކަމަށް ސުވިލަން ތަކުރާރުކޮށް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕުޓިން ދިން ނިއުކްލިއާ އިންޒާރާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ އެކަން ކުށްވެރިކޮށް އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އިންޒާރެއް ކަމަށް ވިދާޅުވެފަ އެވެ.

ސުވިލަން އިތުރަށް ވިދާޅުވީ ރަޝިއާ އިން އެ ގައުމުގެ ހަމަލާތައް ވަރުގަދަ ކުރަމުންދާ ވަރަކަށް ހުޅަނގުން ޔޫކްރެއިން އަށް ދެމުންދާ އެއްބާރުލުން ވެސް އިތުރުވާނެ ކަމަށެވެ. -- އަލް އަރަބިއްޔާ