ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ކޮންޓްރޯލް ކުރަން ދޭ ބޭހުން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދިދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މިކަމަށް ހެދި ދިރާސާއަކުން ހާމަވި ގޮތުގައި ހޯމޯން ޓްރީޓްމަންޓުން އެއްވެސް ކަހަލަ ކުރިއެރުމެއް ނުފެންނަ ހާލަތްތަކުގައި ޕްރޮސްޓޭޓް ކެންސަރުގެ ބަލި މީހުންނަށް ކޮލެސްޓްރޯލް ބޭހުން ފަރުވާ ލިބޭ ކަމަށެވެ.
މިދިރާސާއިން ދެއްކި ގޮތުގައި ހޯމޯން ޓްރީޓްމަންޓާ އެކު ކޮލެސްޓްރޯލް ބޭސް ދިނުމުން، ދިރާސާގެ ބަލި މީހުންގެ ހާލަތު ރަނގަޅުވެ އެވެ. އެހެން ނަމަވެސް މިކަމާމެދު ވަކި ގޮތެއް ނިންމަން މިއަށްވުރެ ބޮޑު ދިރާސާއެއް ކުރަން ޖެހޭ ކަމަށް އެބޭފުޅުން ބުނެ އެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިއަކު ވިދާޅުވީ ޕްރޮސްޓޭޓް ކެންސަރާއި ކޮލެސްޓްރޯލަށް ފަރުވާ ހޯދަން ބޭނުންކުރާ އެންޓިޖެންތަކުގައި އެއްގޮތް ސިފަތަކެއް ހުންނަ ކަމަށާއި އެހެން ކަމުން ކޮލެސްޓްރޯލް ބޭހުން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ލިބެނީ ކަމަށެވެ.
ޕްރޮސްޓޭޓް ކެންސަރަށް އާއްމުކޮށް ދެވޭ ފަރުވާ ކަމަށްވާ ހޯމޯން ތެރަޕީން ބަލިމީހާގެ ހާލަތު ރަނގަޅުވުން ހުއްޓުމުން މި ކެންސަރަށް ފަރުވާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
އެހެން ނަމަވެސް މި ދިރާސާއާ އެކު އާ އުއްމީދެއް ލިބިފައިވާ ކަމަށާއި ބޮޑު ދިރާސާއެއްކޮށް ނަތީޖާ ރަނގަޅު ވެއްޖެނަމަ ބަލިމީހުންނަށް މި ފަރުވާ ދޭން ފެށޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.