މޮސްކޯ (30 ސެޕްޓެމްބަރު) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ސިފައިން ހިފާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަސްމީ ގޮތުން ރަޝިއާގެ އަތްދަށަށް ގެންނަން އެ ގައުމުން ނިނމައިފި އެވެ.

މިކަމަށްޓަކައި މިއަދުގެ ވަގުތެއްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ރަޝިއާގެ ތަރުޖަމާން މިޓްރީ ޕެސްކޯވް ވަނީ ވިދާޅުވެފަ އެވެ. މި ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިއަދު ރަޝިއާގެ އަތްދަށަށް ގެންނަން ހަމަޖައްސާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދަކީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އާއި ލުގަންސްކްގެ އިތުރުުން ދެކުނުގެ ކޭރްސަން އާއި ޒަޕޮރިޒިއާ އެވެ.

ރަޝިއާ އިން މިކަން އިއުލާންކޮށްފައި މިވަނީ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު މިދިޔަ ހޯމަ ދުވަހު ޕުޓިން ދެއްވާފައި ވަނިކޮށެވެ.

ރަޝިއާގެ މި ފިޔަވަޅާ އެކު ހުޅަނގުގެ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެ ގައުމަށް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ޕުޓިން ވަނީ ހާލަތު މިހާ ގޯސްވާން ޖެހުނީ ވެސް ހުޅަނގުގެ ސަބަބުން ކަމަށް ތުހުމަތު ކޮށްފަ އެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދުތަކުގެ ގޮތުގައި އިއުލާން ކުރަން މިއަދު ހަމަޖައްސާފައިވާ ހަތަރު ސަރަހައްދަށް އެ ގައުމުގެ ލީޑަރުން ފޮނުވާފައިވާއިރު މިކަން ސުލްހަވެރިކަމާ އެކު ނިންމަން ބޭނުންވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ޔޫކްރެއިންގެ ރައީސް ވިލްޑޮމީރް ޒެލެންސްކީ މީގެ ކުރިން ވަނީ ރަޝިއާ އިން ޔޫކްރެއިންގެ ބިންތައް ހިފައި އަތުރާލިއިރު ޔޫކްރެއިނުން ބަލަން ނުތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ