އަހަރެމެން ކެއުމުގައި ގިނަ ބާވަތްތަކެއް ބޭނުން ކުރާއިރު އެއިން ލިބޭ ގެއްލުންތަކަށް ވިސްނާލެވެނީ މަދު ފަހަރަކު އެވެ. ހާއްސަކޮށް ތައްޔާރީ ކާނާ ބޭނުން ކުރާއިރު ސިއްހަތަށް ވުރެ ބޮޑަށް ވިސްނާލެވިފައި އޮންނަނީ އެއިންދޭ މީރު ރަހަޔަށެވެ. އެގޮތުން ތިރީގައި އެވަނީ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން ކެންސަރު ޖެހުމަށް މަގުފައިވާ ތިން ބާވަތެއްގެ ކާނާ އެވެ.

ސޮސެޖް

ސޮސަޖަކީ ދިވެހިން އާއްމުކޮށް ބޭނުން ކުރާ ބާވަތެކެވެ. ހާއްސަކޮށް ހެނދުނު ސައިބުއިމުގައި ނުވަތަ ފްރައިޑް ރައިސް ތައްޔާރު ކުރާއިރު އާއްމުކޮށް ދިވެހިން މިހާރު ސޮސެޖް ބޭނުން ކުރެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ވެސް ސޮސެޖަކީ މިހާރު ވަރަށް ކަމުދާ އެއްޗެކެވެ. ސޮސެޖްގެ އިތުރުން ޕެކްކޮށްފައި ހުންނަ މަސް ނުވަތަ ޕްރޮސެސްޑް މީޓް އަކީ ކެންސަރު ޖެހުމަށް މަގުފައިވާ ބާވަތްތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ފަދަ މަހުގައި ހުންނަ ލޮނު އަދި ކެމިކަލްސްއަކީ ހަށިގަނޑަށް ނުރައްކާ ބާވަތެކެވެ.

ފިޒީ ޑްރިންކްސް

ފިޒީ ޑްރިންކްސް ތެރޭގައި ގިނައިން ބޭނުން ކުރެވޭ ކޮކާ ކޯލާ، ފެންޓާ ފަދަ ތަކެތި ހިމެނެ އެވެ. ދުވާލަކު މިފަދަ އެއްދަޅު ބޭނުން ކުރިނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދެ އެވެ. ފިޒީ ޑްރިންކްސް ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންނުވާ ކެލޮރީސް ގިނައިން އެތެރެވެ އެވެ. މީގެ އިތުރުން ވައިގެ އުނދަގޫ ޖެހި ބަނޑުގައި އެސިޑް ލެވެލް އިތުރުވެ އެވެ.

ޕޮޓޭޓޯ ޗިޕްސް

ޕޮޓޭޓޯ ޗިޕްސް އަކީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލް އެއްޗެކެވެ. ޕޮޓޭޓޯ ޗިޕްސްއަކީ ގިނަ އަދަދަކަށް ޓްރާންސް ފެޓް ހިމެނޭ ބާވަތަކަށް ވާއިރު މިއީ ކެއުމުން އެންމެ އަވަހަށް ދުރުވާންވީ އެއް ބާވަތެވެ. ޓްރާންސް ފެޓްގެ ސަބަބުން ކޮލެސްޓްރޯލް މިންވަރު އިތުރުވެ ލޭގެ ޕްރެޝަރު މަތިވެ އެވެ.