ބަލިވެއިނުމުގެ ކުރިން ގަވައިދުން ކަސްރަތުކުރަމުން ދިޔަނަމަ އަދި ބަލިވެއިނުމަށްފަހު އިތުރު އުދަގުލެއް ދިމާނުވާނަމަ ކުރިއެކޭއެއްގޮތަށް ކަސްރަތުކުރުމަކީ އާއްމުގޮތެއްގައި މައްސަލައެއް ނޫނެވެ. ނަމަވެސް ބަލިވެއިނުމުން ކުރާ ކަސްރަތުތަކަށް ބަދަލުގެންނަން ޖެހިދާނެ އެވެ.

ކަސްރަތު ކުރާއިރު ނުވަތަ ކުޅިވަރު ކުޅޭއިރު ކައްސައިލާފަދަ ނުވަތަ ވެއްޓިދާފަދަ ކަސްރަތުތަކާއި ދުރުވާށެވެ. އެއީ ކިތަންމެ ކުޅަދާނަ ކަމާއި ގާބިލް ކަމާއެކު ކުރަމުން ދިޔަ ކަމެއްނަމަވެސް މާބަނޑު ދުވަސްވަރު މިޒާތުގެ ކުޅިވަރުތަކާއި ކަސްރަތުތަކުން ދުރުވުން މުހިއްމެވެ. އެއީ ބަލިވެއިނުމުން ހަށިގަނޑުގައި އިތުރުވާ ހޯމޯންތަކުގެ ސަބަބުން ހުޅުތައް ދުރުވެ ބަލިވެފައިވުމާއެކު ހުޅުން ނައްޓައިގެން ދިއުމުގެ ފުރުޞަތު މާބަނޑު ދުވަސްވަރު ވަރަށް ބޮޑުވާނެތީ އެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު ކަސްރަތުކުރާއިރު ހަށިގަނޑު ހިފެހެއްޓިފައި ހުންނަ އެހެނަސް ގަޔަށް ދޫ ހެދުމެއް ލުން ރަނގަޅުވާނެ އެވެ. ބޮޑަށް ރަނގަޅީ ކަސްރަތު ކުރާއިރު އެއް ހެދުމަށްވުރެ ގިނަ ހެދުން ލައިގެން ކަސްރަތު ކުރުމެވެ. އެއީ ހަށިގަނޑު ހޫނުވުން އަވަސް ކުރުމަށްޓަކަ އެވެ.

ކަސްރަތު ކުރާއިރު ފަޔަށް ހެއުވަރު ހާއްސަ ބޫޓަކަށް ނުވަތަ ޓެނިހަކަށް އަރައިގެން ކަސްރަތު ކުރާށެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުގެ ކުރިން ގެންގުޅުނު ބޫޓު މިހާރު ބާރުވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ހެޔޮވަރު އާ ބޫޓެއް ހޯދާށެވެ.

ކަސްރަތު ކުރަން ފަށާއިރު ފުރަތަމަ ހަށިގަނޑު ލުއިލުއި ކަސްރަތު ކޮށްގެން ހޫނު ކޮށްލާށެވެ. މިގޮތުން ހުޅުތަކާއި މަސްތައް ކަސްރަތަށް ތައްޔާރު ކުރާށެވެ. އަދި ހިތުގެ ހިގުން އެއްފަހަރާ އަވަސްވިޔަ ނުދޭށެވެ. ލަސްލަހުން އަވަސްވާން ފުރުޞަތު ދޭށެވެ. ފުރަތަމަ ހަށިގަނޑު ކަސްރަތަށް ތައްޔާރު ކުރުމުގެ ގޮތުން ލުއިލުއިކޮށް ކުރާ ހަރަކާތްތަކުން މިކަން ކުރެވޭނެ އެވެ. މިއީ ކަސްރަތު ކުރުމުގެ ސަބަބުން ގައިގައި ރިއްސުމާއި މަސްގުޅަ ކެއުންފަދަ ކަންކަމުން ދުރުކޮށްދޭނެ ކެމެކެވެ.

ބަނޑަށް ފުރަތަމަ ތިންމަހަށްފަހު އުއްޑުން އޮށޯވެ އޮތުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިގޮތަށް އޮއްޑުން އޮށޯވެ އޮތުމަކީ ރަހިމާއި ރަހިމުގެ ބަރުދަނުން ހިތަށް ލޭގެންގޮސްދޭ މައިހޮޅިއަށް ފިތިބާރުވެ ހިތަށް ލޭ ދައުރުވާ މިންވަރު މަދުކުރާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށާއި ރަހިމަށް ލޭ ގެންގޮސްދޭ މިންވަރު މަދުވެ އެވެ. އަދި މިކަމުގެ ސަބަބުން ބޯއެބުރުމާއި މޫނުމައްޗަށް އަނދިރި ވުމާއި ނޭވާކުރުވެ ނޭވާލާން އުނދަގޫ ވުމާއި އަދި ބައެއްފަހަރު މޭނުބައިވުން ފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިވެއިނުމުން ގިނައިން ދިޔާއެއްޗެތި ބޯން ޖެހޭނެ އެވެ. ހާއްސަކޮށް ކަސްރަތު ކުރާނަމަ އިތުރަށް ފެންބޯން ޖެހޭނެ އެވެ. ވުމާއެކު ކަސްރަތު ކުރަން ފެށުމުގެ ކުރިން އަދި ކަސްރަތު ކުރަމުންދާއިރު އަދި ކަސްރަތުކޮށް ނިމުމުން ގިނައިން ފެންބޯށެވެ. ގިނައިން ފެން ނުބޯނަމަ ހަށިގަނޑުން ފެން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ފެންމަދުވުމަކީ ހަށީގަނޑުގެ މަސްތަކަށް ވާންވެ ބާރުވުމާއި ހަށިގަނޑުގެ ހޫނުމިން މައްޗަށްދާ ކަމެކެވެ.