އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް ޗައިނާއިން ޚަރަދުކުރާ ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތުކުރެއްވުމުން، އިދިކޮޅު ކޯލިޝަނަކީ ބޭރު ގައުމެއްގެ ޕަޕެޓަކަށްވާނެ ބައެއް ނޫން ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ރައްދު ދެއްވައިފި އެވެ.

އާޒިމް ކުރި ތުހުމަތުތަކާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާވާނެ އަދި ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށެވެ.

"ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމަކީ ޕީޕީއެމް/ ޕީއެންސީން ކުރާނެ ކަމަށް ނޫން،" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމްއެއްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް އިދިކޮޅު ކޯލިޝަނުން މިހާރު ފަށާފައިވާ ހަރަކާތްތަކަކީ ޗައިނާ އިން ސީދާ ފަންޑު ލިބިގެން ކުރާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުގެ މި ހަރަކާތްތަކަކީ ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން ހަލަބޮލި ކުރަން [ކުރާ ކަމެއް]، އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް، ޗައިނާ ސަފީރަށް ވެސް މި ވާހަކަތައް ދަންނަވަން. މި ނާޒުކު ދަނޑިވަޅުގައި ދިވެހިންގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނަން،" އާޒިމް ވިދާޅުވި އެވެ.