ސަރުކާރާއި ދައުލަތުގެ ކުންފުނިތަކަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ ގިނަ މައްސަލަތައް ސަރުކާރާ ދެކޮޅަށް ނިންމާކަމަށް ބުނެ ޓްރައިބިއުނަލްގެ ހުރިހާ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ. އަދި އެޓްރައިބިއުނަލްއިން މައްސަލައެއް ނިންމާ ގޮތަކާ މެދުގައި އެއްވެސް މަޝްވަރާއެއް ރައީސް އޮފީހުން ކޮށްފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ

"ޓްރައިބިއުނަލްގެ މެމްބަރުން ހާޒިރުކޮށްފައެއް ނުވޭ. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅިގެން ރިޕޯޓްގައިވާ ކަންކަމާމެދު މައުލޫމާތު ބަދަލުކޮށް، ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބޭއްވުނު،" މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިފަދައިން ވިދާޅުވެފައިވަނީ "ދިޔަރެސް" އޮންލައިންގައި ސަރުކާރާއި ދައުލަތުގެ ކުންފުނިތަކަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ ގިނަ މައްސަލަތައް ސަރުކާރާ ދެކޮޅަށް ނިންމާކަމަށް ބުނެ ޓްރައިބިއުނަލްގެ ހުރިހާ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރާ ގުޅިގެންނެވެ.

ވަޒީފާގެ މާހައުލުގައި ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެންވެސް ގާނޫނެއް ނުވަތަ ގަވައިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި ޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ހާއްސަ މުއައްސަސާ ކަމުގައިވާ ވަޒީފާއާބެހޭ ޓަރައިބިއުނަލްގައި ހިމެނެނީ، ރައީސް އިބްރާހިމް މުހައްމަދް ސޯލިހް އެ މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހަތް މެމްބަރުންނެވެ.