މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމުގެ ތެރޭގައި އުޅޭނަމަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ކިޑްނީއަށް ގެއްލުންވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމަށް ހުށައެޅޭނަމަ ކުޑަދަރިފުޅުގެ ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުންނަ މިންވަރު އިތުރުވާނެ ކަމަށާއި އެއީ ކިޑްނީ ބައްޔެއް ޖެހިފައިވާ ކަމުގެ ނިޝާނެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އާއްމުކޮށް ސިއްހަތު ރަނގަޅަށް ހުންނަ މީހެއްގެ ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުންނަނީ ވަރަށް މަދު މިންވަރަކަށް ކަމަށްވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

އެހެންކަމުން މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމަށް ހުށައެޅޭނަމަ، ކުއްޖާގެ އުމުރުން ތިން އަހަރުވާއިރު ކިޑްނީ މައްސަލަތަކުގެ ނިޝާންތައް ފެންނަން ފަށާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާގައި ހަރަކާތްތެރިވި މާހިރުން ވަނީ މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމަށް ހުށައެޅުމުން ދުވަސް ނުފުރާ ވިހެއުމާއި، ކުއްޖާގެ ބަރުދަން ލުއިވުމުގެ މައްސަލަަތައް ދިމާވާ ކަމަށް ބުނެފަ އެވެ.

ކުޑަކުދިންގެ ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުންނަ މިންވަރު އިތުރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ކުދިން ބޮޑެތި ވަމުން އަންނައިރު ކިޑްނީ މައްސަލަތައް ދިމާވާނެ ކަމަށް ދިރާސާގައި ބުނެ އެވެ.