ފުންނާބުއުސް ފައިވާނަށް އެރުމުން ފައި ދިގުވެފައި ރީތިކަމަށް ދައްކަ އެވެ. އަދި ލާ ހެދުމުގެ ރީތިކަމަށް ފުރިހަމަކަން ގެނަސްދެ އެވެ. އަދި އެންމެ މުހިއްމު ކަމަކަށް ތިމާއަށް ހިތްހަމަޖެހުން ލިބެ އެވެ. ނަމަވެސް އަންހެނުންގެ ރީތިކަމަށް އަދި ލާ ހެދުމުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނަސްދޭ މި ފައިވާނުގެ ސަބަބުން އެތައް ސިއްޙީ ގެއްލުމަކާ ކުރިމަތިލާން ޖެހެ އެވެ.

ފުންނާބު އުސްފައިވާނަށް އެރުމުން ހަށިގަނޑުގެ “ސެންޓަރ އޮފް ބެލެންސް” އޭ ކިޔާ، ހަށިގަނޑު ބިމުގައި ހަމަޖެހިގެން ހުރުމަށް އެހީވެދިނުމަށް ހުރިހާ ފަރާތަކުން ދަމާބާރުތައް ތިމާގެ ހަށިގަނޑަށް އަމާޒުވެފައި ހުންނަ ހިސާބު ތަފާތުވެ އެވެ. ކުރުކޮށް ބުނާނަމަ ފުންނާބު އުސްފައިވާނަށް އެރުމުން ތިމާގެ ހަށިގަނޑުގެ އަސްލު “ސެންޓަރ އޮފް ބެލެންސް” ގެއްލެ އެވެ.

ވީމާ އަލުން ހަށިގަނޑު ބިންމަތީ ހަމަޖެއްސުމަށްޓަކައި ތިމާގެ މައިކައްޓާއި އުރަށް ތަފާތުތަކެއް ގެންނަން ޖެހެ އެވެ. މިގޮތުން ކުޑަކަޅުވާ މަސްގަނޑާއި، އުރާއި ބުރަކަށީގެ މަސްތަކަށް ބާރުކުރެ އެވެ. މާގިނައިރު ނުވަތަ މުޅި ދުވަހު ފުންނާބުއުސް ފައިވާނުގައި އުޅޭނަމަ މިހިސާބުތަކުގެ މަސްތައް ވަރުބަލިވެ އަދި ބައެއް ހާލަތްތަކުގައި އެކަށީގެންވާ ވަރަށް ވުރެބޮޑަށް ދެމެ އެވެ.

ފުންނާބު އުސްފައިވާނަށް އެރުމުން އުނަގަނޑުގެ ތިރީބައި ހުންނަނީ ކުރިޔަށް ހިފާލެވިފަ އެވެ. މީގެ ސަބަބުން މައިކައްޓާއި އުރު ގުޅިފައިވާ ގޮތަށް ބުރޫ އަރަ އެވެ. އަދި ހަމަ އެހެންމެ ކަކުލަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރު ކުރަން ފަށަ އެވެ. އަދި ހަމަ އެހެންމެ ފައިގެ އިނގިލިތަކާއި ފައިތިލައިގެ ދަށްފުށުގެ އެކި ހިސާބުތަކަށްވެސް އާދަޔާއި ޙިލާފަށް ބޮޑަށް ބާރުލެވެ އެވެ..

ސިއްޙީ މާހިރުން ލަފާދެނީ ހުރިހާ ވަގުތެއްގައި އަދި އާއްމުކޮށް ފުންނާބުއުސް ފައިވާނަށް އެރުން ދޫކޮށްލުމަށެވެ. އޭގެ ބަަދަލުގައި ދުވަހުގެ ކޮންމެވެސް އެއް ވަގުތެއްގައި ފުންނާބު އުސްނޫން ފައިވާނަށްވެސް އަރައިގެން އުޅުމަށެވެ.