އަންނަ މަހު ފަށަން ގަތަރުގައި ފަށަން ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ ފުޓްބޯޅައަށް ތަރުހީބުދޭ ފަރާތްތަކަށް އަންނަ އީދެކޭ ބުނެވިދާނެ އެވެ. ދަތުރު ބަނދެގެން މުބާރާތުގެ އެންމެ މެޗެއް ނަމަވެސް ބަލާލަން ގަތަރަށް ދާން މަސައްކަތްކުރާ ގިނަ ބަޔަކު އުޅެ އެވެ.

އެގޮތުން ސައޫދީ އަރަބިއާއަށް ނިސްބަތްވާ އަބްދުﷲ އަލްސުމީއަކީ މިފަދަ ޒުވާނެކެވެ. ސައޫދީ އަރަބިއާގެ ރިޔާދުން ވޯލްޑް ކަޕް އޮންނަ ގަތަރުގެ ދޯހާއަށް ފައިމަގުގައި ދާން އޭނާ މިވަނީ ދަތުރު ފަށާފަ އެވެ.

އަލްސުމީ ބުނި ގޮތުގައި އޭނާއަށް މި ޚިޔާލު އައީ މިިއަހަރުގެ ކުރީކޮޅު ވޯލްޑް ކަޕާ ބެހޭގޮތުން ދެއްކި ޓީވީ ޕްރޮގްރާމަށްފަހު އެވެ. އެއަށްފަހު ފައިމަގުގައި ވިޔަސް އެ މުބާރާތަށް ދާން އޭނާ އަޒުމު ކަނޑައެޅި އެވެ.

އަލްސުމީގެ މި ނިންމުމަށް އޭނާގެ އަމިއްލަ އާއިލާއިން ވެސް ދެކޮޅު ހެދި ނަމަވެސް ގަލްފް ސަރަހައްދުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް މުބާރާތް ހަމަ ލޮލުން ބަލާލަން އޭނާ ނިންމި އެވެ.

އެއާއެކު ރިޔާދުން ދޯހާއަށް 1600 ކިލޯމީޓަރުގެ ދިގު ދަތުރެއް ފައިމަގުގައި އަލްސުމީ ފެށި އެވެ. ލަފާ ކުރެވޭ ގޮތުގައި މި ދަތުރަށް ޖުމްލަ ދެ މަސް ހޭދަވާނެ އެވެ.

އަލްސުމީ އަންނަނީ އޭނާގެ ދަތުރު އޭނާގެ ސޯޝަލް މީޑިއާ ފޮލޯކުރާ މީހުންނާ ހިއްސާ ކުރަމުންނެވެ. އޭނާ ބުނާ ގޮތުގައި އޭނާއަށް ވެސް ކުރެވެނީ ގަތަރުގެ ރައްޔިތުންނަށް ކުރެވޭ ފަދަ ޖޯޝީ އިހުސާސެއް ކަމަށެވެ.

އަލްސުމީ ފަދަ އެތައް ބަޔަކު މިފަދަ އުނދަގޫ ދަތުރުތައް ކުރުމަށްފަހު ގަތަރަށް ދާނެ ކަމަށް ބެލެވެ އެވެ.