އިންޓާނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖެއާ ބަޙްރައިނާއި ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގަައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެލަނޑުދަނޑިއަށް ވާސިލްވުމުގައި ބަޓެލްކޯއިން ވެދެއްވާ އެހީއަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިގުތިސާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސް ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަހުރެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޓެލްކޯ އާއެކު ވެވުނު ސައިބާ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބާ ސެކިއުރިޓީ އާއި ޑިޖިޓަލް ހިދުމަތްތައްދޭ ގައުމީ، އަދި ބައިނަލްއަގުވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސް ސޯލިހާއި ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާޞަލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެ އެވެ.