ސިކުނޑިއަށް ފައިދާހުރި ކާނާ ގިނައިން ހުންނާނީ ރަނގަޅު ފެޓް އަދި އެންޓިއޮކްސިޑެންޓްސްގެ އިތުރުން ވިޓަމިންސް އަދި މިނަރަލްސް ހިމެނޭ ކާނާގައި އެވެ. ސިކުނޑީގެ ދުޅަހެޔޮކަން ހިތުރުކޮށްދީ ވިސްނުންތޫނު ކުރަން ބޭނުންނަމަ މި ކާނާތައް ބޭނުންކުރާށެވެ.
ވޯލްނަޓް
ވޯލްނަޓް އަކީ ހިތުގެ ދުޅަހެޔޮ ކަމަށާއި އެންޓި އިންފްލެމަޓޮރީގެ އިތުރުން ފައިދާހުރި އަލްފާ އިލްނޮލެނިކް އެސިޑް އިން މުއްސަދިވެފައިވާ މަދެކެވެ. އަލްފާ އިލްނޮލެނިކް އެސިޑް ނުވަތަ އޭލެލްއޭ އަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ މާއްދާ އެކެވެ. އޭގެ އިތުރުން ސިކުނޑީގައި ލޭ އަދި އޮކްސިޖަން ދައުރު ކޮށްދިނުމަށް އެހީވެދެ އެވެ.
އެވަކާޑޯ
މިއީ ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ވިޓަމިން ކޭ އަދި ފޮލޭޓް އެކުލެވުމުގެ ސަބަބުން ސިކުނޑީގައި ލޭ ގަނޑުވުމުން ދުރުކޮށްދެ އެވެ. އަދި ވިސްނުން ތޫނުކޮށްދީ ކަންކަމަށް ސަމާލުކަން ދިނުމަަށް އެހީވެދެ އެވެ. ހަމަ އެހެންމެ އެވަކާޑޯ އަކީ ފައިދާހުރި ފެޓްސް ހިމެނޭ ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމަށް އެހީވެދޭ މޭވާ އެކެވެ.
ސަލްމޮން
ސަލްމޮން ނުވަތަ ފެޓީ ފިޝް އަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި އެއް ކާނާ އެެވެ. ސަލްމޮންގައި ގިނަ އަދަދަކަށް އޮމޭގާ 3 ގެ ފެޓީ އެސިޑް ހިމެނެ އެވެ. އޭގެ ސަބަބުން ވިސްނުމުގެ ސްޕީޑް އިތުރުކޮށްދީ ވިސްނުން ތޫނުކޮށް ދެއެވެ.