ބަންގްލަދޭޝްގެ އާ ރައީސަކަށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު މިރުޒާ ފަހްރުލް އިސްލާމް އަލަމްގިރު ބުރާސްފަތި ދުވަހު އިންތިހާބުކޮށްފި އެވެ. ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލާއެކު އެގައުމުގެ އިދިކޮޅު ޕާޓީގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ބީއެންޕީ ވެރިކަމަށް އައުމަށްފަހު، އެ ޕާޓީގެ އިސް ޝަހުސިއްޔަތެއް ކަމަށްވާ އަލަމްގިރު މިވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ހޮވިފަ އެވެ.
ބީއެންޕީ އަލުން ވެރިކަމަށް އައީ 2024 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަވާމީ ލީގުގެ ސަރުކާރު ވެއްޓުމާ ގުޅިގެން މިދިޔަ ފެބުރުވަރީ މަހު ބޭއްވި އިންތިހާބަށްފަހު އެވެ. ބަންގްލަދޭޝްގެ ރައީސްގެ މަގާމަކީ ރަމްޒީ މަގާމެއް ނަމަވެސް، އަލަމްގިރު ވެގެންދާނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަށެވެ. ގާތްގަނޑަކަށް 173 މިލިއަން މީހުންގެ އާބާދީއެއް އޮތް މި ގައުމުގެ އެންމެހައި ތަންފީޒީ ބާރުތައް އޮންނާނީ ބޮޑުވަޒީރާއި ވަޒީރުންގެ މަޖިލީހުގެ އަތްމަތީގަ އެވެ.
އުމުރުން 78 އަހަރުގެ އަލަމްގިރު މި މަގާމަށް ހޮވުނީ، ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ރިޓަޔާޑް ކާނަލް އޮލީ އަހުމަދާ ވާދަކޮށް، ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. އޮލީ އަހުމަދަކީ ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ 11 ޕާޓީގެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެވެ.
ޗީފް އިލެކްޝަން ކޮމިޝަނަރު އޭއެމްއެމް ނާސިރުއްދީން އިއުލާނުކުރެއްވި ގޮތުގައި، އަލަމްގިރު މި އިންތިހާބު ކާމިޔާބުކުރެއްވީ 88 ވޯޓަށްވުރެ ގިނައިން، ޖުމްލަ 255 ވޯޓު ހޯއްދަވައިގެންނެވެ.
ފެބުރުވަރީ 12 ގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކޮށް، ގިނަ އަހަރުތަކަކަށްފަހު ބީއެންޕީ އިން އަލުން ވެރިކަމާ ހަވާލުވިއިރު، އެ ޕާޓީއާއި ބައިވެރިންގެ އަތުގައި ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އެބައޮތެވެ. މި އިންތިހާބަށްފަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތީ ތާރިގު ރަހުމާނެވެ.
ރިޔާސީ އިންތިހާބެއް ބާއްވަން ޖެހުނީ، ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، ސިއްހީ ސަބަބުތަކަށްޓަކައި މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަހާބުއްދީނަކީ އަވާމީ ލީގުގެ ކުރީގެ ސިޔާސީ ބޭފުޅެއްގެ އިތުރުން ހަސީނާގެ އަރިސް ބޭފުޅެކެވެ. އޭނާ ރައީސްކަމަށް ހޮވުނީ 2023 ވަނަ އަހަރު އެ ޕާޓީގެ ބާރު ގަދަވެފައި އޮތް ދުވަސްވަރުއެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްގައި ހިނގި ރައްޔިތުންގެ ބޮޑު އިހުތިޖާޖުތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުމާއެކު، އޭނާ ވަނީ އަވަށްޓެރި އިންޑިއާއަށް ފިލައިގެން ގޮސްފަ އެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ބީއެންޕީގެ އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އެއް ލީޑަރު ކަމަށްވާ އަލަމްގިރު ވަނީ 2016 ވަނަ އަހަރުން ފެށިގެން ރައީސްކަމަށް ނޮމިނޭޓްވުމާ ހަމައަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ. ހަސީނާގެ ވެރިކަމުގައި އޭނާ ފާހަގަކުރެވިފައިވަނީ އިދިކޮޅު ފަރާތްތަކުގެ އެންމެ ވަރުގަދަ އަޑުގެ ގޮތުގަ އެވެ. އަދި އެ މުއްދަތުގައި އޭނާ ވަނީ އެތައް ފަހަރަކު ހައްޔަރުކޮށް، ގިނަ ދައުވާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.
އަލަމްގިރުގެ މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އޭނާ ފުރަތަމަ މަސައްކަތް ކުރެއްވީ ޔުނިވަސިޓީ އޮފް ޑާކާއިން އިގްތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު މުދައްރިސެއްގެ ގޮތުގަ އެވެ. 1990 ގެ ކުރީކޮޅު ބީއެންޕީ އާ ގުޅިވަޑައިގެން، ޕާޓީގެ ތެރޭގައި ކުރިއެރުންތައް ހޯއްދަވައި، ގައުމީ ފެންވަރުގެ މަގުބޫލު ލީޑަރަކަށް އޭނާ ވެވަޑައިގަތެވެ.
ސިޔާސީ ހަޔާތުގައި އޭނާ ވަނީ ވަޒީރުކަމުގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނޮމިނޭޓްވުމާ ގުޅިގެންނެވެ.
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
ގާޒީ އިހްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް
