އެކި މީހުންގެ ދިރިއުޅުމުގައި އެ މީހުންނަށް މުހިއްމުވާނީ އެކި އެއްޗެއްސެވެ. އެއްބަޔަކު ރަނާއި ރިއްސަކީ އަގުބޮޑު ތަކެތި ކަމުގައި ދެކޭއިރު އަނެއްބަޔަކު އެންމެ އަގުހުރި ގޮތެއްގައި ގެންގުޅެނީ ފައިސާ އެވެ. ކޮންމެ އަކަސް މިއީ އަމިއްލަ މީހާއަށް އޮންނަ އިޚުތިޔާރެކެވެ.

އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ވިކްރަމް ޕެންޑްސޭއަކީ މިގޮތުން އެހެން މީހުންނާ ތަފާތު މީހެއް ކަމުގައި ބުނެވިދާނެ އެވެ.

އޭނާއަށް ރަނާއި ރިއްސާއި ފައިސާއަށްވުރެ ވެސް އެންމެ އަގުބޮޑީ އޭޭނާގެ ލޯބިވާ ބައިސްކަލުތަކެވެ.

އުމުރުން 56 އަހަރުގެ ވިކްރަމްގެ ހިތުގައި ބައިސްކަލުތަކަށް އޮތް ލޯބި ފެށުނީ 1992 ވަނަ އަހަރު ރަހުމަތްތެރިޔަކު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުން ކުރެވުނު ބައިސްކަލެއް ހަދިޔާކުރި ހިސާބުންނެވެ.

އެ ދުވަހުން ފެށިގެން މިހާތަނަށް ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ވިކްރަމް ވަނީ 150 އަށްވުރެ ވިންޓޭޖް ބައިސްކަލް އެއްކޮށް އަމިއްލަ ދާރުލް އާސާރެއް ހުޅުވާފަ އެވެ.

ދެކުނު ޕޫނޭގައި ހުންނަ ތިން ބުރީގެ އެ އިމާރާތުގައި ދާރުލް އާސާރު ހިންގަމުން ދާއިރު އެތަން ބަލާލަން އަހަރަކު އެތައް ބަޔަކު އަންނަ ކަމަށްވެ އެވެ.

ވިކްރަމް ބުނީ ބައިސްކަލުތަކަކީ އާމްދަނީ ހޯދާ ވަސީލަތަކަށް ހަދަން ބޭނުން ނުވާ ކަމަށާއި ދާރުލް އާސާރު އާއްމުކޮށް ހުޅުވާލީ އޭނާގެ ހިތުގައި ބައިސްކަލުތަކަށް އޮތް ލޯބި އެހެން މީހުންނާ ހިއްސާ ކުރަން ކަމަށެވެ.

"އެ ބައިސްކަލުތަކަކީ އަހަންނަށް އަގުބޮޑު ޖަވާހިރުތަކެއް ފަދަ އެއްޗެހިތަކެއް،" ވިކްރަމް ބުންޏެވެ.