ތެލް އަވީވް (11 އޮކްޓޯބަރު) - މައްސަލަ ބޮޑުވެފައިވާ ލުބްނާނާއި އިޒްރޭލު ހިއްސާވާ ކަނޑުގެ ބޯޑަރުގެ މައްސަލަ ހައްލުކުރުމަށް ދެ ގައުމުން ތާރީހީ އެއްބަސްވުމަކަށް ހަދައިފި އެވެ.
އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އިސް ނަގައިގެން އާދެވުނު މި އެއްބަސްވުމަކީ ޒަމާނުއްސުރެ އެ ދެގައުމުގެ މެދުގައި އޮތް ނުތަނަވަސްކަމަށް ހައްލެއް ލިބޭނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މި އެއްބަސްވުމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ޔައިރް ލެޕިޑްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމަކީ އިޒްރޭލުގެ ސަލާމަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ލުބުނާނާއި އިޒްރޭލާ ދެެމެދު ސުލްހައިގެ މަޝްވަރާތައް 2020 ވަނަ އަހަރު ފެށުނު ނަމަވެސް އެކި ފަހަރުމަތިން މަޝްވަރާތައް ވަނީ ހުއްޓިފަ އެވެ. އެންމެ ފަހުން އެއްބަސްވުމަކަށް އާދެވުނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ.
މެރިޓައިމް ބޯޑަރުގެ މައްސަލާގައި ދެފަރާތުން އެއްބަސްވާ އެއްބަސްވުމަކަށް އާދެވިފައިވާއިރު އަވަސް މުސްތަގުބަލެއްގައި އެއްބަސްވުން އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަށް އިޒްރޭލުން ބުނެ އެވެ.
އެއްބަސްވުން އާއްމުކޮށް އިއުލާން ކުރެވޭނީ އެގައުމުގެ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން އެއްބަސްވުން ފާސް ކުރުމަށް ފަހުގަ އެވެ. -- އަލް އަރަބިއްޔީ