ކުއަލަ ލަމްޕޫރު (12 އޮކްޓޯބަރު) މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އުމުރުފުޅުން 97 އަހަރުގައި އެގައުމުގެ އާއްމު އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

މަހާތިިރަކީ މެލޭޝިއާގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފުރަތަމަ ފަހަރު 22 އަހަރުގެ ދިގު ދައުރެއް ފުރިހަމަ ކުރެއްވި އިރު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ އުމުުރުފުޅުން 92 އަހަރުގައި 2018 ވަނަ އަހަރު އެވެ.

މިއަހަރުގެ ކުރީކޮޅު ހިތުގެ އާލާސްކަންފުޅެއްގައި މަހާތިރު ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު ނަމަވެސް މިހާރު އިންތިހާބުގައި ވާދަ ކުރެއްވުމަށް ސިއްހަތު ތަންދޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ އަނެއްކާވެސް ބޮޑުވަޒީރުކަމުގެ މަގާމަށް މަހާތިރު ވަޑައިގަންނަވާނެކަން އަދި ޔަގީނެއް ނުވެ އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވީ އެކަން އަދި ނުނިންމާ ކަމަށާއި އެނިންމުމުގެ ބޭނުން ޖެހޭނީ ހަމައެކަނި އޭނާ ތަމްސީލު ކުރައްވާ ކޯލިޝަން އިންތިހާބު ކާމިޔާބު ކޮށްފި ކަމުގައިވާނަމަ ކަމަށެވެ.

މަހާތިރަކީ މެލޭޝިއާ މިހާރު މިދެކޭ ތަރައްގީގެ ބާނީ ކަމުގައި ގިނަ ބަޔަކު ސިފަ ކުރާއިރު ދެވަނަ ފަހަރަށް ބޮޑު ވަޒީރުކަން ގެއްލުނީ އޭރުގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ.

މަހާތިރަކީ ހިތުގެ އާލާސްކަންފުޅުގެ ރިޕޯޓު އޮންނަ އެއްފަހަރަށްވުރެ ގިނަ ފަހަރު ހިތުގެ ބައިޕާސް ސާޖަރީތައް ވެސް ހަދާފައިވާ ފަރާތެކެވެ. އޭގެ އިތުރުން މިދިޔަ އަހަރު އޭނާ ވަނީ ކޮވިޑް 19 އަށް ވެސް ފަރުވާ ހޯދާފަ އެވެ. -- އަލް އަރަބިއްޔާ