ކަތަމަންޑޫ (12 އޮކްޓޯބަރު) އަވަށްޓެރި ނޭޕާލްއަށް ބޯކޮށް ވާރޭވެހި ކުރިމަތިވި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 33 މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ހުޅަނގު އިތުރު ކަރްނާލީ ޕްރޮވިންސަށް މޫސުން ގޯސްވެ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުން ދާތީ އެސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފަ އެވެ.

މި ހާދިސާތަކުގައި އެތައްހާސް ބައެއްގެ ގެދޮރަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ވެފައިވާއިރު އަމިއްލަ މުދަލަށާއި ދަނޑުތަކަށް ވެސް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފަ އެވެ.

ރެސްކިއު ޓީމުތަކުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް ބޯ ވާރޭގެ ސަބަބުން ފަރުބަދަމަތީ ހިސާބުތަކުން މީހުން ސަލާމަތް ކުރުމުގައި އުނދަގޫތަކެއް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

ރެސްިކިއު މިޝަންގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ ކަންކަން ވައިގެ މަގުންނާއި އެއްގަމު މަގުން ކުރިއަށް ދިޔަ ނަމަވެސް މޫސުން އިތުރަށް ގޯސްވަމުންދާތީ މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދުގައި ހެދިފައިވާ ފެންގަނޑުގެ އުސްމިން 39 ފޫޓަށް އަރާ ކަަމަށް ރިޕޯޓުތައް ބުނެ އެވެ. -- ސީއެންއެން