ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށުގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އަންހެން އަދި ފިރިހެން އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައި، އެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސްގެ އަނބިކަނބަލުން މިއަދު ހެނދުނު ޒިޔާރަތް ކުރެއްވީ އުމުރުން އެންމެ ދޮށީ ދެ އިސް ރަށްވެހިންގެ ގެއަށެވެ.

މިއަދު ހެނދުނު އެކަމަނާ މި ދެ ގެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ދެ އިސް ރަށްވެހިންނާ ގުޅުންހުރި ކަންކަން ކުރިޔަށްދާ ގޮތް އޮޅުންފިލުއްވާފަ އެވެ. އަދި، އެކަމަނާ ވަނީ އެ ބޭފުޅުންގެ ހާލު ބައްލަވައި، އެ ބޭފުޅުންނާއެކީ ވަގުތު ހޭދަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ފުވައްމުލަކުގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން އިއްޔެ ހެނދުނު އެކަމަނާ ވަނީ ފުވައްމުލަކުގައި ބޭއްވި އިސްރަށްވެހިންގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފަ އެވެ. އަދި، އިސް ރަށްވެހިން ވެސް ހިމެނިގެން އެކުލަވާލައިގެން އިއްޔެ ހަވީރު ބޭއްވި ގްރައުންޑް ގޮލްފް މުބާރާތުގެ ނިމުން ފާހަގަކުރެއްވުމުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވެ އެވެ.