ލަންޑަން (18 އޮކްޓޯބަރު) - ގޭސް ލިބުމުގައި އިތުރު ދަތިތައް ކުރިމަތިވާނަމަ އަންނަ ފިނި މޫސުމުގައި އިނގިރޭސި ވިލާތުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް އެ ގައުމުގެ ކަރަންޓު ފޯރުކޮށްދޭ މައި ކުންފުނި ނެޝަނަލް ގްރިޑުން ބުނެފި އެވެ.

އެ ކުންފުނީގެ އިސްވެރިޔާ ޖޯން ޕެޓިގްރިއު ވިދާޅުވީ އަންނަ ޑިސެމްބަރު މަހާއި ފެބްރުއަރީ މަހާ ދެމެދު ފިނިހޫނުމިން ދަށްވާ ދުވަސްތަކުގައި ހަވީރު 4:00 ން ރޭގަނޑު 7:00 އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ނެޝަނަލް ގްރިޑުން މިކަން އިއުލާން ކޮށްފައި މިވަނީ އިނގިރޭސި ވިލާތުގެ އިގްތިސާދު ހީނަރުވެ ގޭހާއި ތެޔޮ ލިބުމުގައި ދަތިތަކެއް ހުރިކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.

ޔޫކްރެއިން ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އެގައުމުން ހުޅަނގުގެ ގިނަ ގައުމުތަކަށް ފޮނުވާ ގޭހުގެ މިންވަރު ވަނީ ބޮޑުތަނުން ދަށްކޮށްފަ އެވެ.

އިނގިރޭސި ވިލާތުން ސީދާ ރަޝިއާއިން ގޭސް އެތެރެ ނުކުރި ނަމަވެސް އެގައުމުން ގޭސް އިމްޕޯޓްކުރާ ހުޅަނގުގެ ގިނަ ގައުމުތަކަކީ ރަޝިއާގެ ގޭހަށް ބަރޯސާވާ ގައުމު ތަކެވެ.

ކަން މިހެން އޮތްއިރު މި ނިންމުމަކީ ފިނިމޫސުމުގައި ކަރަންޓުގެ ޚިދުމަތަށް ބާރުބޮޑުވެ ލިބިފައިވާ ގޭހަށް ނުކަތާ ވަރަށް ޑިމާންޑް އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ނިންމި ނިންމުމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ފިނި މޫސުމުގައި ކަރަންޓު ކެނޑުން ވީހާވެސް މަދު ކުރަން މަސައްކަތް ކުރަމުން އަންނައިރު ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ޖޯން ވަނީ ރައްޔިތުންނަށް އަންގާފަ އެވެ. -- އަލް އަރަބިއްޔާ