ގައިންގަޔަށް ނާރާ އެންމެ ނުރައްކާތެރި އެއް ބަލި ކަމަށްވާ ކެންސަރަށް ފަރުވާ ދެވޭ ވެކްސިންއެއް 2030 ގެ ނިޔަލަށް އުފެއްދޭނެ ކަމަށް ކޮވިޑް ވެކްސިން ކުންފުނި ބައޯންޓެކުން ބުނެފި އެވެ.
މި ވެކްސިނުން ކެންސަރު އެއްކޮށް ނައްތާލެވޭނެ ކަމުގެ ޔަގީންކަން ނުދެވުނު ނަމަވެސް ހަށިގަނޑުގައި ކެންސަރު ސެލްސް އުފެދުން މަދުކޮށްދޭނެ ކަމަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނެ އެވެ.
އެގޮތުން މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރުން ކަމަށްވާ އުގުރް ސަހިން އަދި އޮލްޒެމް ޓުރިކީ ވިދާޅުވީ ކެންސަރު ވެކްސިން އުފެއްދުމުގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ކަަމަށެވެ.
މި ދެބޭފުޅުން މީގެ ކުރިން ވަނީ ކޮވިޑް ވެކްސިން އުފެއްދުމުގައި ވެސް އެކުގައި މަސައްކަތް ކުރައްވާފަ އެވެ. އެކުންފުނީގެ ފައިޒާ ވެކްސިންއަކީ ކޮވިޑްއާ ދެކޮޅަށް އެންމެ ކާމިޔާބު އެއް ވެކްސިން ކަމަށް ހޯދުންތަކުން ބުނެ އެވެ.
ސައިންސްގެ ރޮނގުން އެކުގައި މަސައްކަތް ކުރައްވާ މި ދެމަފިރިން ވަނީ މީގެ ކުރިން ވެސް ކެންސަރާ ބެހޭ ހޯދުންތަކުގައި ބައިވެރިވެފަ އެވެ.
އުގުރް ވިދާޅުވީ ކެންސަރަށް ވެކްސިންއެއް ލިބުމަކީ އެ ބަލީގައި ކޮންމެ އަހަރަކުވެސް މަރުވާ އެތައް ހާސް ބައަކު މަރުވާއިރު އެފަދަ އާއިލާތަކަށް ލިބޭނެ އާ އުއްމީދެއް ކަމަށެވެ.