ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ މެދުގައި ދެބަސްވުންތައް ހިނގާނެ އެވެ. ކަންކަމުގައި ހިޔާލު ތަފާތުވެ އަރާރުންވާން ޖެހޭ ފަހަރުވެސް އަންނާނެ އެވެ. ނަމަވެސް މިގޮތަށް މާ ގިނައިން އަރާރުން ވުމަކީ ދެމަފިރިންގެ ދިފާއީ ނިޒާމު ބަލިކަށިކޮށް ބަލިތައް ޖެހުން އަވަސްކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

އެމެރިކާގެ އޮހާޔޯ ޔުނިވާސިޓީން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އަބަދު ޒުވާބުކޮށް، ތޮޅެ ހަދާއި ދެމަފިރިން އަވަހަށް ބަލިވުމުގެ ފުރުސަތު ބޮޑެވެ. އެމީހުނަށް "ލީކީ ގަޓް" ކިޔާ ހާލަތެއް ކުރިމަތިވެ އެވެ. ލީކީ ގަޓްއަކީ އިންސާނާގެ ހަޖަމުކުރާ ނިޒާމުގައި ޖަރާސީމު އުފެދި، އެ ޖަރާސީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ދިއުމަށް މެދުވެރިވާ ހާލަތެކެވެ.

މިގޮތަށް ޖަރާސީމުތައް ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ދިއުމުން ތަފާތު ބަލިތައް އަވަހަށް ޖެހުމަށް މެދުވެރިވެ އެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރު ބަލި، ހުޅުތަކުގައި ރިއްސުން އާއި ހަޖަމުކުރާ ނިޒާމަށް ޖެހޭ ތަފާތު ބަލިތައްވެސް ހިމެނެ އެވެ. މިހެންވާން މެދުވެރިވަނީ ދެމަފިރިންގެ ދެމެދުގައި ޒުވާބުތައް ގިނަވެ މީހާ ސްޓްރެސްވުމުގެ ސަބަބުންނެވެ.

މި ދިރާސާ ހެދުމަށް 40 ދެމަފިރިއަކު ބޭނުންކޮށްގެން ވަނީ ޓެސްޓުތައް ހަދާފަ އެވެ. ދިރިއުޅުމުގައި ހުރި ކަންބޮޑުވުންތަކާއި އަދި އެކަންކަން ހައްލުކުރުމަށް ދެމީހުން ކުރަނީ ކޮންކަމެއްތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެ ދެމީހުން އުޅުން ހުންނަ ގޮތް ބެލުމަށް 20 މިނެޓު ވަންދެން ތަނެއްގައި ބޭތިއްބުމަށްފަހު ވީޑިއޯ ކޮށްފައިވެ އެވެ.

މި ޓެސްޓު ހެދުމުގެ ކުރިންނާއި ޓެސްޓު ހެދުމަށް ފަހުގައި ވަނީ އެމީހުންގެ ލޭގެ ޓެސްޓުތައް ހަދާފަ އެވެ. ލޭގެ ޓެސްޓުތަކުން ހާމަވިގޮތުގައި ގިނައިން ޒުވާބުކޮށް، ނުތަނަވަސްކަން މަތީގައި ދިރިއުޅެމުން އަންނަ ދެމަފިރިންނަށް "ލީކީ ގަޓް" ގެ ހާލަތު މެދުވެރިވާލެއް އަވަހެވެ.