ދަރިފުޅު ކިރިޔާ ބޮޑާ ހާކާލާއިރަށް ރުއްސަން ވެގެން ދެވެނީ ކޮންމެވެސް ކަހަލަ ފިޒީ ބުއިމެކެވެ. މިއީ މިހާރަކަށް އައިސް ގިނަ ބެލެނިވެރިންގެ އާދަ އެކެވެ. އެހެން ނަމަވެސް ހައްލު ހޯދަން ތިއުޅޭ ބޮޑާ ހޭކުމުގެ ހަގީގީ ސަބަބަކީ ވެސް ރުއްސަން އެ ދެވޭ ފިޒީ ބުއިން ކަމުގައި ވެދާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާ ތަކުގައި ބުނެފައިވަނީ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ބުއިންތައް ބޯ ކުދިންގެ ސިއްހަތަށް ގެއްލުން ވުމުގެ އިތުރުން އެކުދިންގެ މޫޑް ބަދަލުވެ ބޮޑާ ހާކާލެއް އިތުރުވާ ކަމަށެވެ.
ކޮލަމްބިއާގެ ޔުނިވަސިޓީ އެއް ކަމަށްވާ މިލަމަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފިޒީ ބުއިންތައް އާންމުކޮށް ބޯކުދިން ބޮޑާ ހޭކުމުގެ އިތުރަށް ބަސް ނޭހުމާއި އެއްޗެހި ހަލާކުކޮށް އެހެން ކުދިންނާ ތޮޅުން ވެސް އިތުރު ކަމަށެވެ.
އެ ދިރާސާ ބުނެފައިވާ ގޮތުން ކުދިންގެ އުޅުމަށް ބަދަލު އަންނަނީ މިފަދަ ބުއިންތަކުގައި ހިމެނޭ ކާބަނޭޓެޑް ވޯޓާ އާއިި ކެފެއިން އާއި ސިޓްރިކް އެސިޑްގެ އިތުރުން ސޯޑިއަމް އާއި ފޮސްޕޮރިކް ފަދަ އެއްޗެހީގެ ސަބަބުންނެވެ. އަދި ކެފެއިންގެ އަސަރު ކުރުމުން ކުދިންގެ ހޯމޯންތަކަށް ވަރަށް ބޮޑަށް ބަދަލު އަންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. މިއީ ކުދިންގެ ސިކުނޑި ހެދި ބޮޑުވާއިރު އެކަމަށް އަސަރުކުރާ މައިގަނޑު އެއް ކަމެވެ.
ކުދިންގެ އުޅުމަށް ފިޒީ ބުއިންތަކުން އަސަރު ކުރުވާއިރު މިއީ ކުދިން އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަަލައާއި ވެސް ކުރިމަތި ކުރުވާ އެކައްޗެކެެވެ. އޭގެ އިތުރުން ދަތްފަނި ކެއުމާއި ހަކުރު މައްޗަށް ދިއުންފަދަ ކަންތަކާ ވެސް ފިޒީ ބުއިންތައް ގުޅިފައިވެ އެވެ.
އެހެންކަމުން ދަރިފުޅު ރުއްސަން ފިޒީ ބުއިންތައް ބުއިމުގެ ބަދަލުގައި ތާޒާ މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް ފަދަ ތަކެތި ދޭން އާދަ ކުރަން ވެއްޖެ އެވެ.