ރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އަނެއްކާވެސް ބަންދުން ދޫކޮށްލައިފި އެވެ.
އަރުޝަދު އެންމެ ފަހުން އަތުލައިގެންފައި ވަނީ ދުބާއީ އިން އޭނާ ޑީޕޯޓްކޮ ރާއްޖެއަށް ފޮނުވާލުމުންނެވެ. ރާއްޖެ އައިތަނާ އޭނާ ހައްޔަރުކުރީ ހައިކޯޓުގެ އަމުރެއްގެ ދަށުންނެވެ. ނަމަވެސް ހައިކޯޓުގެ އަމުރާ ހިލާފަށް ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަމުރު ކުރައްވާފަ އެވެ.
އަރުޝަދު ދޫކޮށްލާފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
ފުލުހުން މިރޭ ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އަރުޝަދުގެ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެރެކުރުމުގައި އެންމެ އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރާ އަރުޝަދުގެ މައްޗަށް މީގެކުރިން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓުން އަދި ނުނިމެ އެވެ.