މޮސްކޯ (29 އޮކްޓޯބަރު) - ޔޫކްރެއިންއަށް އިތުރު ހަނގުރާމަވެރިން ފޮނުވުން ހުއްޓާލައި ރަޝިއާއިން އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ރަޝިއާއިން މިކަން އިއުލާން ކޮށްފައި މިވަނީ ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް އިތުރު ހަނގުރާމަވެރިން ފޮނުވަން އެ ގައުމުން ހިންގި ބޮޑު ކެމްޕެއިނަކަށް ފަހު އެވެ.

އެ ކެމްޕެއިންގެ ދަށުުން މިހާތަނަށް ވެސް ރަޝިއާއިން ވަނީ އެތައް ހާސް ހަނގުރާމަވެރިންތަކެއް ޔޫކްރެއިންއަށް ފޮނުވާފަ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ގައުމުން ހިންގި މިފަދަ އެންމެ ބޮޑު ކެމްޕެއިނެވެ.

ރަޝިއާއިން މި އިއުލާން ކޮށްފައިވާއރު އެމެރިކާއިން ވަނީ ޔޫކްރެއިނުއަށް އިތުރު 275 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ފޮނުވަން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ ޔޫކްރެއިންއަށް ބޭނުންވާ ވައިގެ ޑިފެންސް ސިސްޓަމްތައް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އިތުރު ހަނގުރާމަވެރިން ނުފޮނުވާނެ ކަމަށް ބުނި ނަމަވެސް އެ ނިންމުމާ މެދު ޝައްކު އުފެދޭ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ރަޝިއާއަކީ ވަރުގަދަ ގައުމެއް ނަމަވެސް މި ހަނގުރާމައަަށް އެގައުމުގެ ތައްޔާރީތައް ވަރަށް ބަލިކަށި ކަމަށެވެ.

ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އިރުމަތީ ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުން ރަޝިއާ ސިފައިން ވަނީ އެއްކޮށް ބާލާފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް