ވޫހާން (29 އޮކްޓޯބަރު) - މީގެ ދެ އަހަރު ކުރިން ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ބައެއް ސަރަހައްދުތަކުން އަނެއްކާ ވެސް ވައިރަސް ފެނި އެ ސަރަހައްދުތައް ފުރަބަންދު ކޮށްފި އެވެ.

ޗައިނާއިން ވޫހާންގެ ސަރަހައްދުތަކައް ފުރަބަންދު ކޮށްފައި މިވަނީ އެ ސަރަހައްދުން ކޮވިޑްގެ އެއް ކޭސް ފެނުމާއެކު އެވެ. ޗައިނާއިން ކޮވިޑް 19އަށް ގެންގުޅެމުން އަންނަނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެކެވެ.

މި ފުރަބަންދާއެކު ހަންޔާންގް އަވަށުގެ 900،000 އެއްހާ މީހުންނަށް އެގައުމުގެ ސަރުކާރުން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ގޭގައި ތިބުމަށް އަންގާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ފުރަބަންދުގެ މުއްދަތު އާދީއްތަ ދުވަހާ ހަމައަށް އޮތް އިރު އިތުރު ކޭސްތަކެއް ފެނިއްޖެނަމަ މި މުއްދަތު އިތުރު ކުރުމަކީ ގާތް ކަމެކެވެ. ފުރަބަންދުގެ މި މުއްދަތުގައި ޒަރޫރީީ ވިޔަފާރިތައް ނޫން އެހެން ހުރިހާ ވިޔަފާރިއެއް ވެސް ހުއްޓާލުމަށް އަންގާފައިވެ އެވެ.

ޗައިނާގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން އެގައުމުގެ އެއްވެސް ހިސާބަކުން ކޮވިޑް ވައިރަސް ފެނިއްޖެނަމަ ފުރަބަންދު ކުރުމާއި ކޮވިޑް ޓެސްޓިން ކެމްޕެއިންތައް ހިންގުމުގެ އިތުރުން ދަތުރުފަތުރު ހުއްޓުވުމަކީ އެ ގައުމުން އަދަމުންދާ ފިޔަވަޅުތަކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހު ވޫހާންއިން ކޮވިޑް ނައްތާލެވުނުއިރު އޭގެ ފަހުން ދިގު މުއްދަތެއް ވަންދެން އެ ސަރަހައްދުން ވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ