ސޯލް ( 30 އޮކްޓޯބަރު) - ނަސާރާއިންގެ އީދެއް ކަމަށްވާ ހެލޮވީންއާ ގުޅުވައިގެން ދެކުނު ކޮރެއާގައި ބޭއްވި އެއްވުމެއްގައި ތޮއްޖެހި ފިތިގެން 150 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ރޭ 10:00 ހާއިރު ވެރިރަށް ސޯލްގައި ހިނގި އެ ހާދިސާގައި މިހާތަނަށް މަރުވި 151 މީހުންގެ ތެރޭގައި 19 ބިދޭސީން ވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ދެކުނު ކޮރެއާގެ ނެޝަނަލް ފަޔާ އެޖެންސީއިން މައުލޫމާތު ދިން ގޮތުގައި މަރުވި މީހުންގެ އިތުރުން އިތުރު 82 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. އޭގެ ތެރެއިން 19 މީހެއްގެ ހާލު ސީރިއަސް ކަމަށް އެފަރާތުން ބުނެ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ގައުމީ ނިސްބަތް ޔަގީން ކުރެވިފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުންނަމަ އޭގެ ތެރޭގައި ހެލޮވީންއާ ދިމާކޮށް ދެކުނު ކޮރެއާއަށް ޒިއާރަތްކުރި އުޒްބަކިސްތާން، ޗައިނާ، ނޯވޭ އަދި އީރާނުގެ ފަތުރުވެރިން ހިމެނެ އެވެ.
މި ހާދިސާއާ ގުޅިގެން އެގައުމުގެ ސަރުކާރުން ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފައިވާއިރު ޒަހަމްވި މީހުންގެ ސިއްހީ ހަރަދުތަކާއި މަރުވި މީހުންގެ ޖަނާޒާގެ ހަރަދުތައް ދައުލަތުން އުފުލާނެ ކަމަށް ރައީސް ޔޫން ސުކް-ޔިއޯލް ވަނީ ވިދާޅުވެފަ އެވެ.
ތޮއްޖެހުމުގެ މި ހާދިސާ ހިނގާފައިވަނީ ސޯލްގެ އިޓައިވޮން އަވަށުގައި ބޭއްވި ހެލޮވީންގެ ހަރަކާތެއްގެ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަރަކާތުގައި ލައްކައެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގިނައީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނެވެ.
މަންޒަރު ދުށް މީހުން ހާމަކުރާ ގޮތުގައި ހާދިސާ ހިނގާފައިވަނީ ހަނި މަގެއްގައި ކަމަށާއި އެ ސަރަހައްދުގައި ނޭވާލާން އުނދަގޫވާ ވަރަށް ތޮއްޖެހިފައި އޮތް ކަމަށެވެ.
މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް ހިނގި މިފަދަ އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ހާދިސާ އެވެ. -- އަލް އަރަބިއްޔާ